ފަލަސްޠީނުގެ ޙައްޤުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އެންމެން އެއް އުންމަތެއްގެ ގޮތުގައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ސައުދީ އަރަބިއްޔާގައި ކުރިޔަށް ގެންދިޔަ ޖޮއިންޓް އަރަބް އިސްލާމިކް ސަމިޓުގައި ތަގުރީރު ކުރައްވަވަމުން ރައީސް ވިދާޅުވީ މުސްލިމް ގައުމުތަކުން ފަލަސްތީނަށް ތާއިދު ކުރަނިވި ފިޔަވަޅުތައް އަޅަން ޖެހޭކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޒަމާންތަކެއް ވަންދެން ހިންގައި ދިގުލައިގެން ގޮސްފައިވާ އަނިޔާވެރިކަން ނިމުމަކަށް އަންނަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި ދެން އިތުރަށް ބަރުދާސްތު ކުރަން ޖެހޭކަމެއް ނެތްކަމަށެވެ. އަދި ވަނީ އިޒްރޭލުގެ އުދުވާނީ އަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަން ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަޤުވާމީ މުޖްތަމައުގެ އަޅާލުން ކުޑަކަން ފާހަގޮށް އދ. ގެ ސަލާމަތީ މަޖިލީހުގެ އަމަލުތައް ފާހަގަކުރައްވައި ވީޓޯގެ ބާރު ބޭނުން ކުރުމުގެ ސަބަބުން މާނަހުރި ފިޔަވަޅުތަކަށް ހުރަސް އެޅޭކަމަށާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގައި ހަތިޔާރު ފޯރުކޮށްދިނުމަށް މަގުފަހިގެން ގޮސްފައިވާކަމަށް ވިދާޅުވެފަ އެވެ.
ސައުދީ އަރަބިއްޔާގެ ލީޑާޝިޕާއި އެއްބައިވަންތަކަން މި ސަމިޓުން ދައުކުވައިދިންއިރު ރައީސް ވަނީ މާނަހުރި ބަދަލުތައް ގެނައުމުގައި މުސްލިމް އަދި އަރަބި ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ގޮވާލައްވާފަ އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ މިދިޔަ 75 އަހަރު، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އދ ގެ ޖަމިއްޔާ (ޔޫއެންއާރްޑަބްލިއުއޭ) އިޒްރޭލުން ރޫޅާލުން ކުށްވެރި ކުރައްވާފައެވެ. އަދި ޖަމިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ބައިނަލްއަޤުވާމީ މުޖްތަމައުއަށް ގޮވާލެއްވި އެވެ.

