ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ޑޮލަރު ސަރުކާރުން ބޭނުންކުރީ ގައުމު ބަނގުރޫޓުވާ ހާލަތައް ދިޔުމުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ފަންޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދަރަނި ދެއްކޭނެ ކަމުގެ އިތުބާރު ދަމަހައްޓަން އުފައްދާފައިވާ ފަންޑެކެވެ.
މި ފަންޑުގައިވާ ފައިސާ ގުޅޭ ގޮތުން މިނިސްޓަރު ސައީދު ވާހަކަދެއްކެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޝްރޫއުތަކެއް އިފުތިތާހު ކުރުމަށް ބޭއްވި ތަސްމިއްޔާތުގައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، އެސްޑީއެފް ފަންޑުގައި ހުރީ އެންމެ ތިން މިލިއަން ރުފިޔާކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި ސަރުކާރުން މި ފަންޑަށް 70 އެތައް މިލިއަން ޑޮލަރު ޖަމާކުރި ކަމަށެވެ. އެ ފަންޑުގައި ހުރި ފައިސާ ބޭނުންކުރީ ރާއްޖެ ބަނގުރޫޓުވާ ހާލަތަށް ދިއުމުންކަމަށް ސައީދު ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެސްޑީއެފްއަށް ޖަމާކުރި ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ދެން އޭގެން ބޭނުން އެކި ފަހަރު، އެކި ޕޭމަންޓްސްތައް ހެދުމަށް ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ޕޭމަންޓްސް ހަދާ، އަނެއްކާ އެ ރިކަވާ، ރިޕްލޭސް ކުރަނީ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ 78 މިލިއަނުން 100 މިލިއަން ޑޮލަރަށް، އަދި ގޮސް މި އަންނަ އަހަރު ނިމެންވާއިރަށް 150 މިލިއަން ޑޮލަރާ ހަމައަށް ވެސް ގެންދިޔުން.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް ދައްކަން ޖެހޭ ބައެއް ފައިސާ ދެއްކުމަށް އެސްޑީއެފް ފަންޑޫގައި ހުރި ފައިސާ ބޭނުންކޮށްފައިވާކަމަށެވެ.
ސައީދު ވިދާޅުވީ މި ފައިސާގައި ސަރުކާރުން އަތްލީ އަނބުރާ ދައްކާ ގޮތަށް ގާނޫނީ ޒިންމާގެ ތެރެއިން ކަމަށެވެ. މި ސަރުކާރުން އެސްޑީއެފް އަށް އާ ގާނޫނެއް އެކުލަވާލަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ދެން ނުދަރާނެކަން ރައީސް މުއިއްޒު ވަނީ ޔަގީންކުރައްވާފައިކަމަށެވެ.

