2025 ވަނަ އަހަރުގެ ބަޖެޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންނަށް އަމިއްލަ ބިންތަކުގައި ގެދޮރު އިމާރާތްކުރުމުގެ މަގު ތަނަވަސްކޮށްދެއްވާފައިކަމަށެވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ. މިގޮތުން، ވިޔަފާރިވެރިންގެ ބާރުގެ ދަށުން ނުކުމެ، ރައްޔިތުންނަށް މިނިވަންކަމާއެކު ގެދޮރު އިމާރާތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު މުޞްޠަފާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖުމްހޫރީ ދުވަހުގެ ޚިޠާބުގައި 2025 ވަނަ އަހަރު މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށެވެ. އަދި މި ބަޖެޓުގައި ގްރޭޓަރ މާލޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށްވެސް ބޮޑު އަދަދެއް ކަނޑައެޅިފައިވާކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ބަޖެޓަކީ މާލޭގެ ރައްޔިތުން ފަޚުރުވެރިވާނެ އަދި އުފާކުރާނެ ބަޖެޓެއްކަމަށް މެންބަރު މުޞްޠަފާ ވިދާޅުވިއެވެ. އަދި މި ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 867 މިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ. އަދި ގެދޮރު ރައްކާތެރިކުރުމާއި މުޖުތަމަޢުގެ ލާބައަށް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްވެސް ބަޖެޓުގައި ފައިސާ ކަނޑައެޅިފައިވާކަމަށް އެމެންބަރު ވިދާޅުވިއެވެ.
މެންބަރު މުޞްޠަފާ ވިދާޅުވީ، އެމަނިކުފާނު ތަމްސީލުކުރައްވާ ދާއިރާއަކީ އަޞްލު މާލޭގެ ރަށްވެހިން ދިރިއުޅޭ ސަރަޙައްދެއްކަމަށާއި، އެ ދާއިރާގައި ދިރިއުޅެނީ ޤައުމުގެ މަޞްލަޙަތަށްޓަކައި އަމިއްލަ ރަށްރަށް ދޫކޮށް މާލެއަށް ހިޖުރަކުރި ބައެއްކަމަށެވެ. ނަމަވެސް، މިއަދުގެ ޙާލަތަށް ބަލާއިރު އެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުދިކުދި ކޮޓަރިތަކުގައި ގިނަ ޢާއިލާތަކަކަށް ދިރިއުޅެން ޖެހުމުގެ މައްސަލަ ފާޅުވެފައިވާކަމަށާއި، އިމާރާތްކުރާ ކުންފުނިތައް މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމުން އޭގެ ވެރިފަރާތްތަކަށް ދާއިމީ ފައިދާއެއް ނުލިބުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އެމެންބަރު ވިދާޅުވިއެވެ.
މުޞްޠަފާ ވިދާޅުވީ، ރައީސް މުޢިއްޒު މި ވިސްނުމަށް އައު މަގެއް ތަނަވަސްކޮށްދެއްވަމުން ގެންދަވާކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅުގައި، ވިޔަފާރިވެރިންނަށް ބަރޯސާނުވެ، ރައްޔިތުންނަށް އަމިއްލަ ބިންތަކުގައި އިމާރާތްކުރުމުގެ ފުރުޞަތު މި ބަޖެޓުން ފަހިކޮށްދޭކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިސްލާމީ މާތް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، 5 އިންސައްތައިގެ ފައިދާއާއެކު ކޮންމެ ގެއެއް އިމާރާތްކުރުމުގެ ފުރުޞަތު 2025 ވަނަ އަހަރުގެ ބަޖެޓުން ތަނަވަސްކޮށްދޭކަމަށް މެންބަރު މުޞްޠަފާ ވިދާޅުވިއެވެ. އެހެންކަމުން، ހުށަހެޅިފައިވާ ބަޖެޓުގެ މުހިންމުކަން އިތުރުވެގެންދާކަމަށާއި، ރައްޔިތުން މިކަމާމެދު އުފާކުރާނެކަމަށް އެމެންބަރު ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
މުޞްޠަފާ ވިދާޅުވީ، މި ސަބަބުތަކަށްޓަކައި ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓަށް ތާއީދުކުރުމަކީ މުހިންމު ކަމެއްކަމުގައެވެ. މި ބަޖެޓަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކޮށްދޭ ބަޖެޓެއްކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.

