ރައީސް އިބްރާހިމް މުހައްމަދު ސާލިހު މާލީގޮތުން ހިޔާނާތްތަކެއް ވެފައިވާކަން މިނިވަންް މުއައްސަސާތަކުގެ ރިޕޯޓުތަކުން ދައްކާކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާޙަކަދައްކަވަމުން މެމްބަރު ޝާހިދު ވިދާޅުވީ، ގަވައިދުތަކާއި އެއްގޮތަށް ކޮންމެ އަހަރެއްވެސް ނޮވެމްބަރު މަހުގެ ކުރިން މަޖިލީހަށް ބަޖެޓު ހުށައަޅަންޖެހޭކަމަށެވެ. އެގޮތުން މި އަހަރުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މާލީ ވަޒީރުވަނީ މަޖިލީހަށް ވަޑައިގެން ވަރަށް ތަފްސީލީ ގޮތެއްގައި އެކަން ކޮށްދެއްވާފައިކަމަށެވެ.
2025 ވަނަ އަހަރުގެ ބަޖެޓުގެ ވާހަކަދައްކާއިރު 2024 ވަނަ އަހަރަށް އެކުލަވާލެވުނު ބަޖެޓުގެ ވާހަކަދައްކާލަން ވަގުތުކޮޅެއް ނަގާލުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަން މެމްބަރު ހިއްސާކުރެއްވިއެވެ. ޝާހިދު ވިދާޅުވީ، އެ ބަޖެޓަކީ އެމްޑީޕީއިން ހުށައެޅި ބަޖެޓެއްކަމަށާއި ފާސްކުރީވެސް އެ ޕާޓީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހަކުންކަމަށެވެ. އަދި އެ ބަޖެޓު ބެހިގެންދިޔައީ ފެނަކައިން ދަރާފައިވާ 9 ބިލިއަން ރުފިޔާ ދެއްކުަމަށާއި އާސަންދައިން ދަރާފައިވާ 1.7 ބިލިއަން ދެއްކުމަށްކަމަށެވެ. އަދި އެ ބަޖެޓު ހުސްވުމަށް ދިމާވި މައިގަނޑު ސަބަބަކީ އެމްޑީޕީ ސަރުކާރުގައި ބޮޑެތި ދަރަނިތަކެއް އުފައްދާފައި އޮތުމުންކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖެއިން އޮތީ އަވަށްޓެރި ގައުމުތަކުގެ ހޮސްޕިޓަލްތަކަށް ދަރާފައިކަމަށާއި ފަސް ވަރަކަށް ބިލިއަން ކޮންމެ ހޮސްޕިޓަލަކަށް ދޭން ޖެހިފައި ހުރިކަމަށެވެ. އަދި ޕޮލިސް ސްޓޭޝަން އެޅުމަށްޓަކައިވެސް 500 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއް ނަގާފައިވާއިރު ވެރިކަން ނިމިގެންދިޔައިރު މަސްވެރިންނަށްވެސް އެއް ބިލިއަން ދަރާފައި ހުރިކަމަށް ހިއްސާކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައީ ދިވެހިރާއްޖޭގެ ދަރަނި 123 ބިލިއަނަށް އަރުވާފައިކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަހަރުގެ ބަޖެޓާއި ގުޅޭގޮތުން ސުވާލުތައް އުފައްދައި ޕީއެންސީއަށް ތުހުމަތުތައް އަމާޒުކުރައްވަމުންދާކަމަށް އަލިއެޅުއްވިއެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނު ވެރިކަން ނިންމަވާލެއްވީ ދައުލަތުގެ މާލިއްޔާތުން ބޮޑެތި ހިޔާނާތްތައް ވެގެންކަމަށާއި ރައްޔިތުން ބިކަކޮށް ގައުމު ދަރުވާލާފައިކަމަށެވެ. މެމްބަރު ވިދާޅުވީ، މިއީ އަމިއްލައަށް ދައްކަވާ ވާހަކަތަކެއް ނޫންކަމަށާއި އެކަމުގެ ތަފްސީލުތައް ހުރިކަމަށެވެ. އެގޮތުން އޮޑިޓާރ ޖެނަރަލް އާއި އޭސީސީގެ ރިޕޯޓުތަކުން ފެންނަން ހުރިކަމަށާއި ދައްކަވަމުންދަނީ އެމްޑީޕީގެ އިސްވެރިންނާއި ގުޅުންހުރި މީޙުންގެ އެކައުންޓުތަކަށް އެ ފައިސާ ވަދެފައިހުރިކަން ފެންނަން ހުރި ވާހަކަ ކަމަށެވެ. އެހެންކަމުން ރައީސް ސާލިހު ދައްކަވަމުންދާ ވާހަކަތަކަށް ޖަވާބެއް ދެވިފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ.
ޝާހިދު ވިދާޅުވީ، ނިންމާލީ ވަރަށް މޮޅު ވެރިކަމެއްގެ ގޮތުގައި ބުނަމުންދާއިރު ހަގީގަތަށް ބަލާއިރު ރައްޔިތުން ތިބީ ބިކަވެފައިކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި ރައްޔިތުން ނިކަމެތިވެފައިވާކަމަށާ ކޮވިޑްގެ ހާލަތުގައި ޔޫރަޕިއަން އިންވެސްޓްމެންޓު ބެންކަކުން އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ ބެންކަކަށް ދިންއިރު އެ ޕާޓީގެ ސަރުކާރުންވަނީ އެ ފައިސާތައް އެކި މީހުންނަށް ބަހާލާފައިކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީއިން 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ޕީއެންސީގެ ސަރުކާރުން ހެދި ގޮތާއިމެދު ސުވާލު އުފައްދަމުންދަނީ އެ ފައިސާތައް 20 މިލިއަނުނާއި ފަނަރަ މިލިއަނުން އެމްޑީޕީއާއި ގުޅުންހުރި ތާއީދުކުރާ ފަރާތްތަކަށް ބަހާ ހުސްކޮށްލުމަށްފަހުކަމަށެވެ.

