2025 ވަނަ އަހަރުގެ ބަޖެޓުން ހުރިހާ ރައްޔިތުންނަށް ފަރުވާދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ފަލާހު ވަނީ އިދިކޮޅު ފަރާތްތަކުން ބަޖެޓަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން މި އަހަރަށް އެމްޑީޕީގެ ވެރިކަމުން ކަނޑައެޅި ބަޖެޓަށް ވީ ކިހިނެއްތޯ ބައެއް މެންބަރުން ސުވާލު އުފައްދާކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، އެއްވެސް ކަހަލަ މައުލޫމާތެއް ހުރެގެން ބަހުސް ކުރައްވާނަމަ އެ ސުވާލު ނުއުފައްދަވާނެކަމަށެވެ. ރައްޔިތުންނަށް މިއަދު ކަރަންޓާއި، ފެނާއި، އަދި މުސާރަވެސް ދެނީ އެ ބަޖެޓުންކަމަށް ފަލާހު ވިދާޅުވިއެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނުކަމަށެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދިންކަމަށް ފަލާހު ވިދާޅުވިއެވެ. މިއީ ދަރަންޏަށް ދިން އެހީތަކެއް ނޫންކަމަށާއި، އެހީތައް ލިބިގެން ދިޔައީ ހިލޭ އެހީގެ ގޮތުގައިކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ ވެކްސިންތައްވެސް ލިބިގެން ދިޔައީ އަތުން އެއްވެސް ހަރަދެއް ނުކޮށްކަމަށެވެ.
މި ފައިސާތައް ވަނީ އޭރުގެ އެކިއެކި ވެރިންނާއި، ރާއްޖެއިން ބޭރު އެކައުންޓުތަކުގައިކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. އޭރު ލިބުނު އެހީތަކުގެ ތެރެއިން ދިވެހި ދައުލަތަށް ވަނީ ދެބައި ކުޅަ އެއްބަޔަށްވުރެވެސް މަދުންކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވީމަ އެމްޑީޕީ ބޭފުޅުން މި ގައުމުގެ ސަރުކާރުތަކޭ ކިޔައިގެން ލަދު ގަންނަން ޖެހޭނެ އިއްޒަތްތެރި ރައީސް. މި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭނެ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ބަޖެޓު އިއްޒަތްތެރި ރައީސް.
ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރަށް އެކުލަވާލާފައި އޮތް ބަޖެޓު ވެގެންދާނީ ރާއްޖޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ބަޖެޓަށްކަމަށެވެ. އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ދައްކަވާ ވާހަކަތައް ގަބޫލު ނުކުރެއްވުމަށް ފަލާހު އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންވެސް ބަޖެޓު ފޮތް ބަލާ، އޭގައިވާ ކަންކަން އަމިއްލައަށް ދެނެގަތުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ފަލާހު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުން ފަރުވާ އާއި އެހީ ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށާއި، އާސަންދަ އެންސްޕާ ކަނޑާނުލާނެކަމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ ފައިސާވެސް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް އޮތް ތާއީދު ފަޑުވަމުންދާކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެމްޑީޕީއިން މި ފަހުން ބޭއްވި ޖަލްސާގައިވެސް ބައިވެރިވީ މަދު ދިވެހިންކަމަށާއި، ދެން ތިބީ ބިދޭސީ މީހުންކަމަށް ފަލާހު ވިދާޅުވިއެވެ. އެއާއިއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެވާހަކަތައް ދޮގު ކުރައްވާފައެވެ.
އެއާއިއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ މެންބަރުންގެ ވާހަކަތަކަށް ރައްދުދެއްވުމަށްޓަކައި އެ ފުރުސަތު އެހެން މެންބަރުންނަށް ނުދެއްވާނެކަމަށެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއިން ގިނަ މަޝްރޫއުތަކެއް ބަޖެޓުގައި ހިމެނިކަމަށާއި ނަމަވެސް އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދަވާކަމަށެވެ. ފަސް އަހަރު ވާން ގާތްވުމުން މަސައްކަތްތައް ފެށިކަމަށް ރައްޔިތުންނަށް ދެއްކުމަށްޓަކައި ބައެއް މަޝްރޫއުތަކުގައި ސޮއިކުރިކަމަށް ފަލާހު ވިދާޅުވިއެވެ.

