ސަރުކާރަށް އަހަރެއް ފުރުމާއެކު، ދިވެހިރާއްޖެ ވަނީ ފާހަގަކުރެވޭ މިންވަރަކަށް ފަހަތަށް ޖެހިފައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ފައްޔާޒް އިސްމާޢީލް ފާހަގަކުރެއްވީ، މި އަހަރަކީ ޤައުމަށް ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްގެ ގޮތުގައި ކަމަށާއި، ޤައުމުގެ ތަރައްޤީ ވަނީ އެކަށީގެންވާ މިންވަރަށް މަޑުޖެހިފައި ކަމަށެވެ. އަދި، ކުރީގެ ސަރުކާރުތަކުން ހާސިލުކޮށްފައިވާ ކާމިޔާބީތައް އަނބުރާ ގެއްލެމުންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ފާއިތުވެދިޔ 20 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން ހޯދާފައިވާ މިނިވަންކަން ގެއްލި، އަނެއްކާވެސް އަމިއްލަފުޅު އިޚްތިޔާރުގައި ވެރިކަން ކުރެވޭ ނިޒާމަކަށް ޤައުމު ބަދަލުވަމުންދާކަން، މިހާރުގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި ފާހަގަކުރެވޭ ކަމަށްވެސް ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވެއެވެ.
“ ހުރިހާ ގޮތަކުންވެސް ފަހަތަށް ދިޔަތަން ފެނިގެން މިދިޔައީ، އިޤްތިސާދީ ގޮތުންވެސް ރައްޔިތުންގެ ހައްޤުތައް ވިޔަސް، ޑިމޮކްރެސީ ވިޔަސް، މީޑިއާގެ މިނިވަންކަން ވިޔަސް، މައުލޫމާތު ހާމަކުރުމުގެ ކަންކަން ވިޔަސް ހުރިހާ ކަމެއް ފަހަތަށް ގޮސްފައި އޮތީ “ ފައްޔާޒް ވިދާޅުވިއެެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، މިހާރު ފެންނަމުންދަނީ ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކެވި ވާހަކަތަކާ އިދިކޮޅަށް ޢަމަލުކުރައްވާ މަންޒަރެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ވެރިކަންކުރާ ފަރާތް ވަކި ގޮތަކަށް ބަނދެވިފައި އޮތުން ބަދަލުވެ، އަމިއްލަ ވިސްނުމުގައި ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން ފަށާފައިވާ މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ ފަހުން ވެރިކަން ކޮށްފައިވާ ހުރިހާ ސަރުކާރުތަކުގައިވެސް ދަރަނި އިތުރުވެފައިވާކަން ހާމަކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިގޮތުން، އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ޖީޑީޕީ ދަށަށް ދިއުމުގެ ސަބަބުން އިތުރު ލޯނު ނަގަންޖެހުނު ކަމަށާއި، އެހެންކަމުން ލޯނު އަނބުރާ ދެއްކުމުގައި ނުރައްކާތަކެއް ހުރި ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކުރެއްވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

