ހުޅުމާޅޭގައި ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބަހައްޓާ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާ މޮނިއުމަންޓުގެ ޑިޒައިންގެ މައްސަލަ ގޯސްވެ ހުށަހެޅުންތައް އަލުން ރިވިއު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
ހުޅުމާލޭގެ ރައުންއެބައުޓްސްތަކުގައި ބަހައްޓާ މޮނިއުމަންޓުތަކުގެ ޑިޒައިން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ، މުބާރާތުގެ ތީމަކަށް ދިވެހިންގެ ރާއްޖެ ކަނޑައަޅައިއެވެ.
100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ އެ މުބާރާތުގެ އެއްވަނައަށް ދިޔަ ޓީމަށް މަރުހަބާ ކިޔައި، އެޗްޑީސީ ޕޯސްޓު ކުރުމާއި އެކު ފާޑުކިއުން އަމާޒުވާން ފެށީ މޮނިއުމަންޓުތައް މާބޮޑުކަމަށާއި، ކުރެހުންތަކުގައި ވެސް މައްސަލަ ހުރިކަމަށް ބުނެ އެވެ. އޭގެ ފަހުން ފެންމަތިވީ އެ ޑިޒައިނަކީ އޭއައި ޖެނެރޭޓަޑްކަމަށް ބުނާ މައްސަލައެކެވެ.
ފާޑުކިއުންތަކާއި ގުޅިގެން އެޗްޑީސީ އާންމު ކުރި ބަޔާނެއްގައި ބުނީ މުއްދަތު ހަމަވީއިރު، ޖުމްލަ ހަތް ފަރާތަކުން ޑިޒައިން ހުށަހެޅިކަމަށެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރެއިން، ކުރެހުމަކަށް ވަނަ ދީފައި ވަނީ އެކަމަށް ކަނޑައެޅި ޕްރޮފެޝަނަލް ޖަޖުންގެ ޕެނަލަކުން އިވެލުއޭޓު ކުރުމަށް ފަހުކަމަށް ވަނީ ބުނެފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ މުބާރާތުގެ އެއްވަނައަށް ދިޔަ މޮނިއުމަންޓުގެ ޑިޒައިން ހަދާފައި ވަނީ އޭއައި ޖެނެރޭޓުކޮށްގެންކަމަށް ބުނެ ޝަކުވާތައް ލިބިފައިވަކަމަށެވެ. މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައް ހުރުމާއި އެކު، އެ ކޯޕަރޭޝަނުން ޑިޒައިންތައް ރިވިއު ކުރުމަށް ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ.
އެޗްޑީސީ ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތުގައި ފަންނުވެރިންގެ ލަފާ ހޯދުންކަމަށެވެ. އަދި އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންގެ ބައިވެރިވުން ނުހަނު ބޭނުންތެރިކަމަށް ފާހަގަކުރި އެވެ.
ބަޔާނުގައި ބުނީ އެފަދަ ފުރުސަތުތައް ގެއްލޭ ގޮތަށް ކޯޕަރޭޝަނުން އަމަލު ނުކުރާނެކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަބަދުވެސް ހޯދާނެކަމަށް ބުންޏެވެ.

