ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމާއި ހިޔާނާތްތެރިވުމުގެވެސް މިސާލު ފެނިގެންދާ ދުވަހެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް މުއިއްޒުވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމާއި ހިޔާނާތްތެރިވުމުގެވެސް މިސާލު ފެންނަ ދުވަހެއްކަމަށެވެ. ރައީސް ވިދާޅުވީ، މި ދުވަހުގެ ބަތަލް، ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަހުލާގަކީ މި ދުވަހުން ލިބިގަނެވޭނެ އެންމެ މުހިންމު ފިލާވަޅުކަމަށެވެ.
ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަ ކުރެވިފައިވަނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީން 18 އޭޕްރީލް 1980 ގައެވެ. 1166 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚެވެ.

