މަޖިލީހުގެ މި ދައުރުގެ ނިޔަލަށް ހުށައެޅިފައިވާ މަސައްކަތްތަކުގެ 73.3 އިންސައްތަ ނިންމާލެވިފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
20 ވަނަ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްވަނީ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ދެއްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުން މުހިންމު މަސައްކަތްތަކެއްކޮށްފައިކަމަށެވެ. އެގޮތުން ޖުމުލަ 27 ޖަލްސާ ބޭއްވިފައިވާކަމަށާއި ޖުމުލަ 67 ގަޑިއިރު ޖަލްސާތަކުގައި ހޭދަކޮށްފައިވާކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، ކޮމިޓީތަކުގެ މަސައްކަތްތަކަށް ބަލާއިރު ޖުމުލަ 165 ކޮމިޓީ ބައްދަލުވުން ބޭއްވިފައިވާކަމަަށާއި ޖުމުލަ 118 ގަޑީރު ހޭދަކުރެވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި ދައުރުގައި ޖުމުލަކޮށް 20 ބިލާއި އެއް ގަރާރު އަދި ސަރުކާރުން ހުށައަޅާފައިވާ 13 މައްސަލައިގެ އިތުުރުން ރިޔާސަތުން ހުށައެޅި ފަސް މައްސަލައާއި 4 ކުއްލި މައްސަލައިގެ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ވަޒީރުންނާއި ކުރެވުނު 13 ސުވާލުގެ މަސައްކަތްތަކާއި އެހެނިހެން މައްސަލަތަކާއި ގުޅޭ 7 ރިޕޯޓުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވިފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލީހަށް ހުށައެޅިފައިވާ މަސައްކަތްތަކުގެ ޖުމުލަ 73.3 އިންސައްތަ މި ދައުރުގެ ނިޔަލަށް ނިންމާލެވިފައިވާކަމަށެވެ. އެހެންކަމުން މެމްބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ޝާމިލުވެ ހޭދަކުރައްވާފައިވާ ވަގުތުތަކަށް ޝުކުރުދަންނަވާކަމަށެވެ. އަދި އަމާން ޗުއްޓީއަކަށް އެދިވަޑައިގެންނެވިއިރު އެނބުރިވަޑައިގަންނަވާއިރު އައު ވިސްނުންތަކާއި ތާޒާ ހިޔާލުތަކާއިއެކު ވަޑައިގަންނަވާ ބިނާކުރަނިވި އުފެއްދުންތެރި ކޮށްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

