ރާއްޖެއަށް ގެނައުމަށް ކަނޑައެޅިފައިވާ ހަކުރުގެ ޝިޕްމެންޓެއް މަދުވެފައިނުވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ރާއްޖެއަށް ގެނައުމަށް ކަނޑައެޅިފައިވާ މުދާތަކެއް ލަންކާއަށް ގެންދެވިފައިވާކަމަށް ބުނެ ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާއިއެކު، އެސްޓީއޯއިންވަނީ ކަމުގެ މައުލޫމާތު ސާފުކޮށްދީފައެވެ. އެސްޓީއޯގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިން ރާއްޖެ ގެނައުމަށް އޯޑަރު ޖަހާފައިވާ ހަކުރު ޝިޕްމެންޓެއް ނުލިބުމުގެ މައްސަލަ ފާހަގަކުރެވިފައިނުވެއެވެ. އަދި އެކްސްޕޯޓަށް ތާށިތަކެއް އައިސްފައިނުވާކަމަށާއި އެކަމާއި ގުޅޭގޮތުން ބޭރުގެ ވުޒާރާތަކުން އެއްވެސް ސުވާލެއް އެ ކުންފުންޏަށް އަމާޒުވެސް ކޮށްފައިނުވާކަމަށެވެ. އެ ކުންފުނިންވަނީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ މައްސަލައާއި ރާއްޖެއާއި ގުޅުމެއް ނެތްކަން ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އެ ގައުމާއި ރާއްޖެއާއި ދެމެދު އެކުލަވާލާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި 64،494.33 ޓަނުގެ ހަކުރު އެ ގައުމުން ބޭރުކޮށްފައިވެއެވެ. އަދި ރާއްޖެއަށް ގެނައުމަށްޓަކައި ކަނޑައެޅިފައިވާ 80 ކޮންޓެއިނަރުގެ ހަކުރު ލަންކާއަށް ގެންދެވިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

