މިއަދު ހިނގި އަލިފާނުގެ ހާދިސާއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ލިބުނު އިންތިހާއަށް ބޮޑު ހިތާމައެއްކަމަށް މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި މިއަދުގެ ހެނދުނުގެ ވަގުތުގައި ހިނގި އަލިފާނުގެ ހާދިސާއަށް އަލިއަޅުއްވައި މިނިސްޓަރު މުއްތަލިބުވަނީ ސޯޝަލްމީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ޓިނު ބިލްޑިންގެ ނަން ދެވިފައިވާ އެ އިމާރާތަކީ ވަގުތީ ގޮތުން 2008 ވަނަ އަހަރުގެ ތެރޭގައި އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އޮފީސްގެ ގޮތުގައި ބިނާކުރި ތަނެއްކަމަށެވެ.
ނަމަވެސް އެތަން ފަހުން ބޭނުންކުރަމުން އައީ އެ މިނިސްޓްރީގެ ދާއިމީ އޮފީސްގެ ގޮތުގައިކަމަށާއި، އެތަނަކީ މިނިސްޓްރީގެ މަސައްކަތްތަކަށް އަހައްމިިއްޔަތު ދީގެން މަސައްކަތްކުރަމުން އައި މުއައްޒަފުންގެ ދެވަނަ ގެކަމަށެވެ.
އެތަނަކީ އާދައިގެ ގޮތެއްގެ މަތިން ބިނާކޮށްފައިވާ މަސައްކަތްތަކަށްވެސް އެންމެ އެކަށީގެންވާ ތަން ނޫންކަމަށްވީނަމަވެސް އެތަނަކީ މަސައްކަތްކުރަމުންދިޔަ އެންމެހާ މުއައްޒަފުންނަށްވެސް ވަރަށް ހާއްސަ ތަނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއަދު އެތަނާއި އެތަނުގައިހުރި ހުރިހާ ސާމާނު ގެއްލިގޮސްފައިވާކަމަށާއި، އެކަމަކީ މިނިސްޓްރީގެ ހުރިހާ މުއައްޒަފުންނަށް ލިބުނު ބޮޑު ހިތާމައެއްކަމަށެވެ. އަދި މި ހިތާމައިގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

