ސީރީޔާގެ އައު ވެރިޔާ އަހްމަދު އަލް ޝަރާ ހައްޔަރުކުރާ ފަރާތަކަށް ދޭނެކަމަށް ބުނެފައިވާ 10 މިލިއަން ޑޮލަރުގެ އިނާމުގެ އިއުލާނު އެމެރިކާއިން ބާތިލުކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސް، އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުން، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އެ ގައުމުން ފައްސާލުމަށްފަހު ވެރިކަމާއި ހަވާލުވެ ހުންނެވި ހަނގުރާމަވެރިންގެ ލީޑަރުކަމަށްވާ އަހުމަދު އަލް ޝަރާ ހައްޔަރުކުރުމަށް އިނާމެއް ހުށައެޅި އިއުލާނު ބާތިލުކޮށްފައިވާކަން ހާމަކުރެއްވީ އެމެރިކާގެ އިސް ޑިޕްލޮމެޓެއްކަމަށެވެ. އެ ނޫހުން ބުނާގޮތުން އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ނިއަރ އީސްޓަރން އެފެއަރޒް ބާބަރާ ލީފް މިކަން ހާމަކުރެއްވީ ދާދި ފަހުން ސީރިޔާގެ ވެރިރަށް ދިމިސްކަށް އެ ގައުމުގެ އޮފިޝަލުން ކުރި ޒިޔާރަތަށް ފަހުކަމަށެވެ. އެ ގައުމުގެ އޮފިޝަލުން ސީރިޔާއަށް ޒިޔާރަތްކުރީ އައު ވެރިންނާއިއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.
މިއީ ބައްޝާރުގެ ވެރިކަން ވެއްޓުމަށްފަހު އެމެރިކާގެ އޮފިޝަލުން އެ ގައުމަށް ކުރި ފުރަތަމަ ޒިޔާރަތެވެ. ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނައީ ހަނގުރާމަވެރި ޖާމާއަތެއްކަމަށްވާ ހަޔާތް ތަހްރީރް އަލްޝާމްއެވެ. އެ ގައުމުގެ އޮފިޝަލުން ރަސްމީ ޒިޔާރަތެއްކޮށްފައިނާމަވެސް މީގެ އަހަރުތަކެއް ކުރިން އެމެރިކާއިންވަނީ އެޗްޓީއެސްގެ ނަން ދެވިފައިވާ މި ޖަމާއަތަކީ ނިރުބަވެރިންކަމަށް ކަނޑައަޅާފައެވެ. އަލް ޝަރާގެ ނަމުން މިހާރު މަޝްހޫރުވެފައިވާ އެ ޖަމާއަތުގެ ލީޑަރަކީ މީގެ ކުރިން އަބޫ މުހައްމަދު އަލް ޖޫލާނީގެ ނަން ބޭނުންކުރަމުން އައި ފަރާތެއްކަމަށާއި އޭނާއަކީ އަލްގައިދާ ޖަމާއަތާއި ގުޅުން އޮތް ފަރާތެއްކަމަށްވެސް ރިޕޯޓުގައިވެއެވެ.
އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ލީފް ބުނެފައިވާގޮތުން އަލް ޝަރާ ހައްޔަރުކުރުމަށް ހުށައަޅާފައިވާ އިނާމު ބާތިލުކުރުމަށް ނިންމީ އެދެވޭ މައުލޫމާތުތަކެއް ލިބިފައިވުމާއިއެކުކަމަށާއި އެ ޖަމާއަތުގެ ފަރާތުން ނުރައްކާތަކެއް ކުރިމަތިވެގެން ނުދާނެކަމުގެ ވައުދުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެމެރިކާގެ ފަރާތުން ހުށައަޅާފައިވާ އިނާމުގެ މަސައްކަތްތައް ހުއްޓާލާނެކަން އަންގާފައިވާކަމަށެވެ. އަދި އެއީ މީގެ އަހަރުތަކެއް ކުރިން ހުށައަޅާފައިވާ އިނާމެއްކަމަށް އިޝާރާތްކުރެއްވިއެވެ. އަދި މި މަޝްވަރާތަކުގައި އެންމެން ޝާމިލުވެގެން މަސައްކަތްތައް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއެޅުއްވިކަމަށާއި ފުޅާ ދާއިރާއެއްގައި މައްސަލަތައް ހައްލުކުރުމަށް މުއާމަލާތްތައް ކުރެވިގެންދިއުންވެސް މުހިންމުކަމަށް ހިއްސާކުރެއްވިކަމަށެވެ.
އޭނާ ވިދާޅުވީ، އެމެރިކާއިން ސީރިޔާގެ އިސްނެގުމާއިއެކު ސީރިޔާގެ އަމިއްލަ ސިޔާސީ ނިންމުންތަކުގެ ތެރެއިން އެންމެންގެ ބައިވެރިވުން އޮންނަ ހުރިހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމްކުރާ ސަރުކާރެއް އުފެދިގެންދިއުމަށް ތާއީދުކުރާކަމަށެވެ.

