2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާ ކުރިމަތިވި ދުވަހެވެ. އެ ދުވަހު އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް އައި ބާރު ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން ދިވެހިރާއްޖެއަށް ލިބުނު ގެއްލުން ވަރަށް ބޮޑެވެ. މި ކާރިސާގައި ދިވެހިރާއްޖެއިން 82 މީހުން މަރުވެ، 26 މީހުން ވީނުވީއެއް ނޭނގި ގެއްލުނެވެ. އަދި 15،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.
މި ނުރައްކާތެރި ހާދިސާގައި ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ލޯބި ފާޅުވެގެން ދިޔައެވެ. ހާއްސަކޮށް ސަލާމަތީ ބާރުތަކުން، ވަކިން ހާއްސަކޮށް ދިވެހި ފުލުހުން ދެއްކެވީ ގައުމީ ހިތްވަރާއި ޖޯޝެވެ. އެ ދުވަހު ކޮންމެ ފުލުހަކީ ވެސް ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައި ގައުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ބައެއްކަން ހާމަކޮށްދީފައިވެއެވެ.
އެ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރި ކޮންމެ ފުލުހަކީ ވެސް، ގައުމަށްޓަކައި ގައުމަށްޓަކައި މަތިވެރި ގުރުބާނީއެއް ވީ ފުލުހެކެވެ. ވަކިން ހާއްސަކޮށް ސުނާމީ ކާރިސާގައި ރައްޔިތުންގެ ފުރާނަޔާއި މުދަލާއި ގެދޮރު ސަލާމަތްކުރުމުގައި އެ ދުވަހު ހިތްވަރުގަދަކަމާއެކު މަސައްކަތްކުރި އެއް ފުލުހަކީ އަލްމަރުހޫމް ލާންސް ކޯޕްރަލް ޢަލީ ނާޡިމް (ސަރވިސް ނަންބަރު: 1311) އެވެ. 1977 ވަނަ އަހަރު ލ. ފޮނަދޫ ޗާނދަނީމާގެއަށް އުފަން މި ހިތްވަރުގަދަ ފުލުހަކީ ކެރޭ، ހިންގުންތެރި، އަދި ރައްޓެހިންނާއި ރަހުމަތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ސުނާމީ ކާރިސާ ދިމާވި ދުވަހު ޢަލީ ނާޡިމް މަސައްކަތްކުރަމުން ދިޔައީ ހައްދުންމަތީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލ. މުންޑޫގައެވެ. މުންޑޫއަކީ މި ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި ހިމެނޭ އެއް ރަށެވެ. ނިދުމެއް އަރާމެއް ނެތި، ކެއުމެއް ބުއިމެއް ނެތި 24 ގަޑިއިރު އޭނާ ހޭދަކުރީ މުންޑޫގެ ރައްޔިތުން ސަލާމަތްކުރުމުގައެވެ.
އެ ދުވަހުގެ ހަނދާންތައް އޭނާގެ ދުލުން ބަޔާންކޮށްފައިވެއެވެ.
“އެދުވަހު މީހުންތައް ރާޅާއެކު އެކިގޮތްގޮތަށް ދުވާތަން ފެނުމުން ދެފަހަރަކު މަރެއް ނުވާނެއޭ އެންމެން ފުންމާލާށޭ ބުނެ އަޅުގަނޑު ފެންގަނޑުގެ ތެރެއަށް ފުންމާލީމެވެ. އެގޮތުން އަޅުގަނޑު އަތުގައި ޖެހުނު ކުއްޖަކު ގޮވައިގެން ދޮރުފަތެއް ލާފައި ހުރި ގެއެއް ފެނޭތޯ މަސައްކަތްކުރަމުން ދަނިކޮށް އަޅުގަނޑަށް ވަދެވުނީ އެރަށު ރުއްކޮށީ ގެއަށެވެ. އޭރު އަޅުގަނޑުގެ ހިމާޔަތުގައި 10 ވަރަކަށް ކުދިން (7 އަހަރާއި 15 އަހަރާއި ދެމެދުގެ) ތިއްބެވެ. އަޅުގަނޑު އެކުދިން ގޮވައިގެން އެރަށު ސާދީވިލާގޭގެ ފާރުމަތިން (7 ފޫޓް ހުންނަ ވަރުގެ) އެކުދިން ހިކިފަސް ތަނަކަށް ބާލައިގެން އަތިރިމައްޗަށް ގެންގޮސް ހިކިފަސްތާނގައި ހުރި ބައްތެއްޔަކަށް އެކުދިން އެރުވީމެވެ. އެއަށްފަހު އެންމެން ވެސް އޮޑިފަހަރަށް އެރުމަށް ގޮވަމުން ދުވެފައި ދަނިކޮށް އޮފީސް ކަންމަތިން ފައިތިލައިގެ މަސްގަނޑު އިރައިގެންގޮސް ހަށިގަނޑަށް ވެސް ގެއްލުންވެފައިވާ އަންހެނަކު ފެނުނެވެ. އޭރު އޭނާގެ ފައިން ލޭ އަންނަމުންދާތީ ލޭ މަނާކުރުމަށްޓަކައި ފޮތިކޮޅެއް ކައިރި ހިސާބަކުން ނުލިބުމުން އަޅުގަނޑު ލައިގެން ހުރި ޔުނީފޯމްގެ ގަމީސް ވީދާލުމަށްފަހު ޒަހަމް މަތީގައި ބަނދެލީމެވެ. މުޅި ރަށުތެރެއިން އޭރު އިވެނީ ރުއިމާއި ގިސްލުމުގެ އަޑެވެ.“
މިއީ އެދުވަހު އަލްމަރުހޫމް ލާންސް ކޯޕްރަލް ޢަލީ ނާޡިމް މަސައްކަތް ކުރި ގޮތުގެ ބަޔާނުން ނެގިފައިވާ ކުޑަ މިންވަރެކެވެ. މި ވާހަކަ ކޮޅުންވެސް ނާޡިމް އެ ދުވަހު ދައްކަމުން ދިޔަ ބުނަން ނޭނގޭފަދަ އާދަޔާ ހިލާފު ހިތްވަރު ހާމަވެގެން ދެއެވެ. ތެދެކެވެ. އޭނާގެ މި ހިތްވަރުގަދަ އަމަލުތަކަކީ ދިވެހި ފުލުހުންގެ ގައުމީ ލޯބި ދައްކުވައިދޭ ރަމްޒެކެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އަލްމަރުހޫމް ލާންސްކޯޕްރަލް ޢަލީ ނާޡިމްގެ އާއިލާއާއި ރައްޓެހިންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ކުރިމަތިވީ ބޮޑު ހިތާމައެކެވެ. އެއީ އަލްމަރުހޫމް ލާންސް ކޯޕްރަލް ޢަލީ ނާޡިމް އަބަދުގެ އަބަދަށް މިދުނިޔެއާއި އަލްވަދާއު ކިއުމެވެ.
2006 ސެޕްޓެންބަރު 21 ވަނަ ދުވަހު، ކަނޑުމަތީގައި ހާލުގައިޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދަނިކޮށް، ޢަލީ ނާޡިމް ދުއްވަމުން ދިޔަ ސައިކަލް މަގުގައި ކޮނެފައިވާ ވަޅުގަނޑަކަށް ވެއްޓި، އޭނާ މި ދުނިޔެ ދޫކުރީއެވެ. މިއީ އޭނާގެ އާއިލާއާއި ރައްޓެހިންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
ޢަލީ ނާޡިމްގެ ޚިދުމަތަށް ބަލާއިރު، ނާޡިމް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިފައިވަނީ 1999 މެއި 17 ވަނަ ދުވަހުއެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި މެދުނުކެނޑި 7 އަހަރާ 6 މަހާއި 4 ދުވަހު ޚިދުމަތްކޮށްފައެވެ. 2005 ޖުލައި 14 ވަނަ ދުވަހު އޭނާއަށް ވަނީ ކޮންސްޓަބަލްގެ މަގާމުން ލާންސް ކޯޕްރަލްގެ މަގާމަށް ކުރިއެރުން ލިބިފައެވެ. އޭނާގެ ވަޒީފާގެ މުއްދަތުގައި އަހުލާގީ އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކުރެވެއެވެ.
ޢަލީ ނާޡިމްގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، 2007 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަހީދު ޖަވާދު އުމަރު އެވޯޑް އޭނާގެ އާއިލާއާ ހަވާލުކޮށްދެއްވާފައިވެއެވެ. މިއީ އޭނާގެ ހިތްވަރުގަދަކަމާއި ގައުމަށް ކުރި ޚިދުމަތުގެ އަގުވަޒަންކުރި ކަމުގެ ހެއްކެކެވެ.
އަލްމަރުހޫމް ލާންސް ކޯޕްރަލް ޢަލީ ނާޡިމްގެ ހަޔާތަކީ ދިވެހި ފުލުހުންނަށާއި މުޅި ގައުމަށް ނަމޫނާއެކެވެ. އޭނާގެ ހިތްވަރުގަދަކަމާއި ގައުމީ ލޯބި، އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޖޯޝް ދައްކުވައިދެނީ ފުލުހުންގެ މަތިވެރި ސިފަތަކެވެ. އޭނާގެ ޒިކުރާ ތާއަބަދަށް ދިވެހި ރައްޔިތުންގެ ހިތުގައި ދެމިހުންނާނެއެވެ.
އަލްމަރުހޫމް ލާންސް ކޯޕްރަލް ޢަލީ ނާޡިމްގެ ހަޔާތަކީ ގައުމަށް ހިދުމަތްކުރުމުގައި ފަހުރުވެރި ނަމޫނާއެކެވެ. އޭނާގެ ހިތްވަރުގަދަކަމާއި ގުރުބާނީ އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ގައުމަށްޓަކައި ކުރާ މަސައްކަތުގެ މަތިވެރިކަމެވެ. މާތްﷲ އަލްމަރުހޫމް ލާންސް ކޯޕްރަލް ޢަލީ ނާޡިމް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
ނޯޓް: މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކޮށްފައިވާ ލިއުމެއްގެ ނަކަލެކެވެ. މިއީ ސުނާމީ ކާރިސާގެ ހަނދާން އާ ކުރަމުންދާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް ތަޖުރިބާ ހިމަނައިގެން ފުލުހުން ހިއްސާކުރި ލިއުމެކެވެ.

