ޑޮމެއިންގެ އައު ރެޖިސްޓްރީއާއި ސެޓްފިކެޓްތަކަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ނަކަލު ނުކުރެވޭނެ ލިޔުންތަކެއްކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޑޮމެއިންގެ އައު ރެޖިސްޓްރީ ސެޓިފިކެޓް ތައާރަފްކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައި އިރު ޓްރާންސްޕޯޓު ދާއިރާގައި އެންމެ ބޮޑުވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮމެއިންގެ މައްސަލަކަމަށެވެ. އަދި މިކަމަކީ ވަރަށް ބޮޑެތި އޮޅުންތައް އަރައި ދެރަ ހާދިސާތައްވެސް ހިނގާފައިވާ މައްސަލައެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ޑޮމެއިން ދޫކުރުމުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަަކީ އެކަމަށް އޮތް ހައްލެއް ކަމަށް ސަރުކާރުން ގަބޫލުނުކުރާކަމަށެވެ. އަދި މިކަމަށް ހައްލުތަކެއް ހޯދައިދޭންޖެހޭކަމަށާއި ސަބަބަކީ މިކަމުގައި ގިނަ ދިވެހި ރައްޔިތުންތަކެއްގެ ހައްގުތައް އެކުލެވިފައިވުންކަމަށެވެ.
އެހެންކަމުން މިކަމުގައި މިނިސްޓްރީގެ ތެރެއިން ގޮތްތަކެއް ނިންމި ހިދުމަތްތައް ހުއްޓިފައި އޮތުމަކީ ސަރުކާރުން ގަބޫލުކުރާކަމަކަށްނުވާތީ އެކަން އަލުން ފެށުމަށް މަސައްކަތްތަކެއް ކުރަމުން އައިސްފައިވާކަމަށެވެ. އަދި ވޭތުވެދިޔަ އެއް އަހަރަށް ބަލާއިރު މި މައްސަލައަކީ ވަރަށް ކޮމްޕްލެކްސް މައްސަލައަކަށްވުމުން ހައްލެއް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ދޫކޮށްފައިވާ ޑޮމެއިން ސެޓިފިކެޓްތަކުގައި އެއްވެސް ސެކިއުރިޓީ ފީޗާޒްތަކެއް ނުހިމެނޭކަމަށާއި މިނިސްޓްރީގައި ޑޮމެއިންގެ ރެކޯޑުތައްވެސް ރަނގަޅަށް ބެލެހެއްޓިފައި ނެތްކަމަށެވެ. އެގޮތުން ސިސްޓަމުގެ ތެރޭގައި އެއް ބައި މައުލޫމާތުތައް ހުރިއިރު އަނެއްބައި މައުލޫމާތުތައް ހުރީ ފޮތްތަކުގައި ލިޔެވިފައިކަމަށާއި ގެއްލިގެން ގޮސްފައި ހުރި ބައެއް މައުލޫމާތުތައްވެސް ހުރިިކަން ފާހަގަކުރެއްވުނުކަމަެވެ.
އަމީން ވިދާޅުވީ، ޑޮމެއިންގެ ހިދުމަތް ގެނެގެން ލިބިގަނެފައިވާ ފަރާތްތަކަށް ކޮންމެވެސް ހައްލުތަކެއް ހޯދައިދިނުމަކީ މިނިސްޓްރީއިން ކުރަންޖެހޭ މަސައްކަތްތަކެއްކަމަށެވެ. އަދި އާންމުންގެ ތެރޭގައި ފެތުރިގެންދިޔަ ވާހަކަތަކަށް ބަލާއިރު ގަވައިދާއި ހިލާފު ޑޮމެއިންތަކެއް ހުރިއިރު ގަވައިދުގެ ތެރެއިން ހޯދާފަައިވާ ޑޮމެއިންތައްވެސް ހުރިކަން ސާފުވާކަމަށެވެ. އެހެންކަމުން ވަރަށް ބޮޑެތި މައްސަލަތައް ނުކުމެފައި އޮތުމާއިއެކު ނިމިދިޔަ ސަރުކާރުންވަނީ ޑޮމެއިންގެ ހިދުމަތްތައް ހުުއްޓާލާފައިކަމަށެވެ.
އެހެންނަމަވެސް މިއީ އަބަދު ހުއްޓާލާފައި ބޭއްވޭނެ ހިދުމަތެއްގެ ގޮތުގައި މި ސަރުކާރުން ގަބޫލުނުކުރާކަމަށާއި ގިނަ ފަރާތްތަކަކުން މިކަމަށް އެދޭކަމަށްވުމުންނާއި މިއީ ދޭންޖެހޭ ހިދުމަތްތަކެއްކަމަށްވުމުން އަލުން އެ މަސައްކަތްތައް ފަށަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ބޮއްސުން ލާފައިވާ ކަންކަން ހަމައަކަށް އަޅުވައި ކޮންމެވެސް ހައްލެއް ގެނެސްދޭންޖެހޭކަމަށްވުމުން ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށްގެން ޑޮމެއިންތައް ލީގަލައިޒްކުރެވި ޑޮމެއިންގެ އައު ސެޓިފިކެޓާއި ރެޖިސްޓްރީ ދެވޭނެ އުސޫލުތަކެއް ކަނޑައަޅައި ނޮވެމްބަރު 17 ވަނަ ދުވަހު ދެ މަސް ދުވަހުގެ މުއްދަތަކަށް ފުރުސަތު ހުޅުވާލެވުނުކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އައު ރެޖިސްޓްރީއާއި ސެޓްފިކެޓަކީ ސެކިއުރިޓީ ވަރުގަދަ ނަކަލު ނުކުރެވޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަމަށެވެ. އެހެންކަމުން އެއީ ޑޮމެއިން ގެންގުޅުއްވާ ފަރާތްތަކަށް ލިބިގެންދާ ރައްކައުތެރިކަމެއްކަމަށާއި އައު ނިޒާމުގެ ތެރޭގައި ނޭދެވޭ އަމަލުތަކެއް ހިންގުމަށް ފަސޭހަ ނުވާނެކަމަށް ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ، މިހާރު ހަވާލުކުރަން ފަށާފައިވަނީ މިވަގުތު ތައްޔާރުކުރެވޭނެ އެންމެ ރަނގަޅު ފެންވަރަށް އެކުލަވާލާފައިވާ ސެޓްފިކެޓަކާއި ރަޖިސްޓްރީއެއްކަމަށެވެ.

