އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން އުމުރުން 92 އަހަރުވެފައިވާ، މަންމޯހަން ސިންގް ނިޔާވީ ގޭގެތެރެއަށް ވެއްޓުމާއިއެކު ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށެވެ. އަދި އޭނާ ހޭވެރިކަން ޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނުކަމަށްވެސް ބުނެފައިވެއެވެ.
އޭނާއަށް ފަރުވާ ދިނުމަށްޓަކައި ގެންދިޔަ ހޮސްޕިޓަލް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) އިންވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފަރުވާ ދިނުމުގައި ޝާމިލުވި ސިއްހީ ޓީމުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުން އުމުރުން ދުވަސްވުމާއި ގުޅިގެން ދިމާވާ ސިއްހީ ދަތިތަކަށް މަންމޯހަން ސިންގް ފަރުވާ ހޯދަމުން އައިސްފައިވެއެވެ. އަދި ގޭގައި ހުއްޓާ ކުއްލި ގޮތަކަށް ހޭވެރިކަން ނެތުނީކަމަށާއި، ވަގުތުން ވަގުތަށް އޭނާ ހޭވެރިކަން ޖެއްސުމަށްޓަކައި ގެއާއި ހިސާބުން މަސައްކަތްތައް ފެށިގެންދިޔަކަމަށެވެ.
މިހާރު ބޮޑުވަޒީރުކަމުގައި ހުންނެވި ނަރޭންދްރަ މޯދީވަނީ މިކަމުގެ ހިތާމަ ފާޅުކުރައްވާފައެވެ. އަދި މަންމޯހަންއަކީ އެ ގައުމުގެ އެންމެ މަގުބޫލު އެއް ލީޑަރުކަމަށާއި އެކަމާއި ގައުމު ހިތާމަފާޅުކުރާކަމަށް ވިދާޅުވިއެވެ.
ސާދާ ދިރިއުޅުމެއް އުޅެމުން އައި މަންމޯހަން ސިންގް ސިޔާސީ މައިދާނުގައި ކުރިއަރައިގެންދިޔައީ އިހްތިރާމް ލިބިފައިވާ އިގްތިސާދީ ދާއިރާގެ މާހިރެއްގެ ގޮތުގައެވެ. ސަރުކާރުގެ އެތައް މަގާމެއް އަދާކުރައްވާފައިވާއިރު އިންޑިއާގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ބޮޑު ދައުރެއް އަދާކުރި ސިޔާސަތުތައް އެކުލަވާލުމުގައި އިސް ރޯލެއް އަދާކުރައްވާފައިވެއެވެ. އޭނާ އަކީ އިންޑިއާގެ 14 ވަނަ ބޮޑުވަޒީރެވެ.

