ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑައު މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން ޖަސްޓިން ޓްރޫޑައު އިސްތިއުފާ ދިނުމަށް ކަނޑައެޅިފައިވަނީ އެ ގައުމުގައި ވެރިކަން ކުރާ ލިބަރަލް ޕާޓީއަށް އައު ލީޑަރަކު ހަމަޖެހުމުންނެވެ. އަދި އޭނާވަނީ ރަސްމީކޮށް މިކަން އަންގައި އިއުލާނުކުރައްވާފައިކަމަށެވެ. މާޗު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ މަޖިލިސް ސަސްޕެންޑުކުރެވިފައިވާނެއިރު އިސްތިއުފާ އިއުލާނުކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަސްޓިންވަނީ އެ ގައުމުގެ އިންތިހާބީ މަސައްކަތްތައް އިސްލާހުކުރެވިފައިނުވުމާއިމެދު ހިތާމަކުރައްވާކަންވެސް ހިއްސާކުރައްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ އިންތިހާބެއް ބޯމަތިވެ، ވޯޓުން އޭނާ ބަލިވާނެކަމަށް ގިނަ ބަޔަކު އަންދާޒާކުރަމުންދަނިކޮށެވެ.
ޖަސްޓިން ވިދާޅުވީ، އެ ގައުމުގެ ސަރުކާރުތައް އިންތިހާބުކުރާ ގޮތަށް ބަދަލުތައް ގެނައުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންނެވިކަމަށެވެ. އެގޮތުން އެއް އިންތިހާބެއްގައި ދެވަނަ ޗޮއިސްއަކާއި ތިންވަނަ ޗޮއިސްއެއްވެސް ކަނޑައެޅުމަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދެެއްވަން އެދިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ.
ޓްރޫޑައުއަކީ އެގައުމުގެ ލިބަރަލް ޕާޓީގެ އިސްވެރިޔާގެ މަގާމުގައި 11 އަހަރު ދުވަސް ހުންނަވާފައިވާ މީހެކެވެ. އަދި ބޮޑުވަޒީރުކަމުގައިވެސް 9 އަހަރު ދުވަސް ހޭދަކުރައްވާފައިވާއިރު މިފަހުން ކެނަޑާއަށްވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އެކްސްޕޯޓުކުރާ މުދަލުގެ ޑިއުޓީ ނެގުމުގެ އިންޒާރުތައް ލިބިފައިވާއިރު ސަރުކާރުގެ ބައިވެރިން އިސްތިއުފާ ދިނުމާއި ހިޔާލު ހޯދުމަށް ނެގި ވޯޓުތަކުން ބޮޑެތި ނާކާމިޔާބުތަކާއި ކުރިމަތިލާންޖެހުން ހިމެނެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން އޭނާ އިސްތިއުފާ ދެއްވީ، މަގާމުން ދުރުކުރުމުގެ ކުރިން އެކަން އަމިއްލައަށް ކުރެއްވުމުގެ ގޮތުންކަމަށް ދެކުމަށް ފުރުސަތު އޮތްކަމަށެވެ. ލިބަރަލް ޕާޓީ ބާރުވެރިކަމަށް އައީ 2015 ވަނަ އަހަރުގައިކަމަށްވާއިރު ވިއްކި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމާއި ތާރީހުގެ ތެރެއިން ފާހަގަކުރެވޭ ބޮޑެތި ނާއިންސާފުތަކުގެ މައްސަލަތައް ބެލުން ހިމެނެއެވެ. ނަމަވެސް ފަހުގެ ތާރީހަށް ބަލާއިރު އޭނާގެ ވެރިކަމުގައި އިގްތިސާދީ ހީނަރުކަން އައިސްފައިވާކަން ފެނިގެންދެއެވެ.

