ޑޮނަލްޑް ޓްރަމްޕު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރިކަން އޭނާގެ ވާދަވެރިޔާ އަދި އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ރަސްމީގޮތުން އިއުލާނުކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ދާދި ފަހުން ކަމަލާވަނީ ޓްރަމްޕުގެ ކާމިޔާބުގައި ރަސްމީ ސިފަ ޖެއްސުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ބައިވެރިވެވަޑައިގެން އިންތިހާބުގެ ނަތިޖާތައް އިއުލާކުރެއްވި އަޑު އައްސަވާފައެވެ. އަދި ކޮންމެ ސަރަހައްދަކުން ލިބިފައިވާ ނަތީޖާތައް އެއްސެވުމަށްފަހު އޭނާވަނީ ޓްރަމްޕު އިންތިހާބުން ކުރި ހޯއްދެވިކަން އިއުލާނުކުރައްވާފައިކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަން ޓްރަމްޕަށް ލިބުނު ކާމިޔާބީ ފާހަގަކުރަމުންދިޔަ އޭނާގެ ސަޕޯޓަރުންނާއި ހިއްސާކުރެއްވިކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުންވަނީ މި ފުރުސަތުގައި ކަން ހިނގައިދިޔައީ ބައިޑެންއަށް ވެރިކަން ކާމިޔާބުކުރެވުމުން ކަން ވެގެންދިޔަގޮތާއި ވަރަށްވެސް ތަފާތުކޮށްކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ފުރުސަތުގައި ޓްރަމްޕަށް ތާއީދުކުރާ މީހުން އެ ގައުމުގެ މަޖިލީސް ސަރަހައްދުގައި ހަމަނުޖެހުންތައް ހިންގިކަމަށާއި އެހެންނަމަވެސް މި ފުރުސަތުގައި އެންމެހާ ފަރާތްތަކުންވެސްވަނީ އިހުލާސްތެރިކަމާއިއެކު އަމަލުކޮށްފައިކަމަށެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ކަމަލާ ވިދާޅުވީ، ފެނިގެންދަނީ ސުލްހަވެރިކަމާއިއެކު ބާރުވެރިކަން އަތް ބަދަލުވެގެންދާ މަންޒަރުކަމަށާއި މިއީ ރަނގަޅު ދުވަހެއްކަމަށެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މި ގޮތުގެ މަތިން އަމަލުކުރެއްވުން ކަމަލާއަށް ދަތިކަމަކަށް ވެގެންދާނެ ނަމަވެސް މިކަމުގެ ސަބަބުން ކަމަލާ ވަނީ މިގޮތުގެ މަތިން އަމަލުކުރެއްވި މަދު ނައިބުރައީސުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. އެގޮތުން ޖޯން އެފް ކެނެޑީއާއި ވާދަކުރައްވައި އިންތިހާބުން ބަލިވުމުން 1960ގައި ރިޗާޑް ނިކަސަން މިގޮތުގެ މަތިން އަމަލުކުރެއްވިކަމަށާއި 2000 ވަނަ އަހަރުގައި އަލް ގޯވެސްވަނީ ޖޯޖް ބުޝް އަށް ވެރިކަން ލިބިވަޑައިގެންފައިވާކަން މިގޮތުގެ މަތިން ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.
ނަމަވެސް އެހެން އެއްވެސް ނައިބު ރައީސްއަކު މިގޮތުގެ މަތިން މަޖިލީހުން ރަސްމީކޮށް އިންތިިހާބުގެ ނަތީޖާތައް އިއުލާނުކުރެއްވިއިރު ހުންނަވާފައިނުވާކަމަށާއި ހާއްސަ ގޮތެއްގައި މީގެ ކުރިން އިންތިހާބެއްގައި ބަލި ގަބޫލުނުކުރައްވައި ވޯޓު ގަޑުބަޑުކުރިކަމުގެ ތުހުމަތުކުރި މީހެއްގެ ކާމިޔާބު ފާހަގަކުރުމުގައި ޝާމިލުވެފައިނުވާކަމަށެވެ..

