މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ބަޖެޓުވެސް ތަރުތީބުކޮށްފައިވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ ހޯޑެއްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރަށުގެ އެކި މައްސަލަތައް ހައްލުކޮށްދެއްވާނެކަން ހިއްސާކުރައްވާފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކަކީ އަހައްމިޔަތު ދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއްކަމަށާއި ކޮންމެ ޕޯޑިއަމްއެއްގައިވެސް ވައުދުތަކެއް ވެވަޑައިގެންފައިވާނީ އެކަންކަން ކޮށްދެއްވުމުގެ ނިޔަތުގައިކަމަށެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ފާހަގަކުރެވުނު އެކި އަޑިގުޑަންތަކުން އަރައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށެވެ. އަދި 2024 ވަނަ އަހަރު ލިބުނު ބަޖެޓުގައި ހުރި ބައިވަރު ހުރަސްތަކާއި ހެދި ކަންކަން ނުކުރެވިދިޔަ މައްސަލައަށް މި އަހަރުގެ ތެރޭގައި ބޮޑެތި ހައްލުތަކެއް އަންނާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ ތެރެއިން ވައުދުތައް ފުއްދުމުގައި މި އަހަރުގެ ތެރޭގައި އަމަލީގޮތުން ނަތީޖާތައް ނެރެވިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، ހޯޑެއްދޫގައި އެކި ދާއިރާތަކުގައި މައްސަލަތައް ހުރިކަމަށާއި ރަށް ގިރުމުގެ މައްސަލައަކީ ގުދުރަތީގޮތުން ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އަދި އެކަން ހައްލުކޮށްދިނުމަކީ އިންތިހާބީ ދުވަސްވަރު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއްކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓުގެ ތެރެއިން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ރައީސް ވިދާޅުވީ، ހޯޑެއްދޫ އާއި މަޑަވެއްޔާއި ދޭތެރޭގައި ކޯޒްވޭ ގާއިމުކުރެވިފައިވާކަމަށާއި ދެރަށުގައިވެސް މަގު ހެދުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތްތަކަކީ ވަރަށް ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދަން ޖެހިފައިވާ މަސައްކަތްތަކެއްކަމަށާއި އެކި ރަށްތަކުގައި އެކި މިންގަނޑުތަކުގައި އެކަން ކުރިއަށް ގެންދަންޖެހޭކަމަށެވެ.
އެހެންކަމުން މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީގެ ދަށުން އަލަށް ފަށާ މަސައްކަތްތަކުގެ ތެރެއިން ގެދޮޮރުވެރިކަމުގެ މަޝްރޫޢުތަކަށް އެންމެ އިސްކަން ދިނުމާއިއެކު ތައުލީމާއި ސިއްހީ މަސައްކަތްތަކަށްފަހު ދެން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއްގެ ގޮތުގައި މަގު ތަކާއި ގުޅިފައިވާ މަސައްކަތްތައް ކަނޑައަަޅުއްވާފައިވާކަން ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާ ނެތް ރަށްތަކުގައި އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށާްއި އެއަށް ފަހު މަގުތައް ހެދުމުގެ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ހޯޑެއްދޫ އޮތީ މަގު ހެދުމުގެ މަސައްކަތްތައް ފަށާ ހިސާބުގައިކަމަށާއި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދަވައިދެއްވާނެކަމަށެވެ. އަދި މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ބަޖެޓުވެސް ތަރުތީބު ކޮށްފައި އޮތީ ވެވަޑައިގެންފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.
ރައީސް ވިދާޅުވީ، ހޯޑެއްދޫގެ ބޮޑު ސަރަހައްދެއް ކޯލްޑް ސްޓޯރެޖް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އަމިއްލަ ކުންފުންޏަކަށް ދެވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެތަނަކީ ވަރަށް ގިނަ ދުވަސްވެ ނުނިމިފައިވާ މަޝްރޫޢެއްކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެކަމުގެ ފައިދާތައް ރަށަށާއި މަސްވެރިންނަށް ލިބިގެންދިއުންކަމަށެވެ.
ރައީސް ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސް އެ ބިމުން ރަށަށް އެންމެ ރަނގަޅު ފައިދާއެއް ވާންޖެހޭނެކަމަށާއި ހެދިފައިވާ މިއީ އެގްރީމެންޓުގެ ތެރެއިން އެންމެ ރަނގަޅު ގޮތަކަށް ކޮންމެވެސް ދާއިމީ ހައްލެއް އަންނަންޖެހޭނެ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިހާރު ކައުންސިލަށް އެ ބިމުން އެކަށީގެންވާ ގޮތަކަށް އާމްދަނީ ނުލިބޭކަމަށްވުމުން އެތަނުން ކައުންސިލަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ނަފާއެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެކަމަށެވެ.

