ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.
ހޯނޑެއްދޫގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫއުގެ ތެރެއިން ކޮންސްޓްރަކްޝަން، ހައުސިން މިނިސްޓްރީން ޓެރެވެނީ އިންޖިނިއަރިން ކުންފުންޏާއި ހަވާލުކޮށް ނިންމި މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ އަގަކީ 4.9 މިލިއަން ޑޮލަރެވެ.
މަޝްރޫއުގެ މައިގަނޑު ސްކޯޕްގައި ނަރުދަމާގެ 05 ޕަމްޕް ސްޓޭޝަން ގާއިމު ކުރުމާއި ސީ އައުޓް ފޯލް އެޅުން އަދި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުން ހިމެނެ އެވެ. އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރްއޯ ޕްލާންޓު ބެހެއްޓުމާއި ފެން ރައްކާ ކުރުމަށް 2 ޓޭންކު ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާ ގުޅައިދިނުން ހިމެނެއެވެ.
ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ، މި ހިނގާ 2025 ވަނަ އަހަރަކީ ތަރައްގީގެ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ވައުދުތައް ތަންފީޒުވެގެން ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. ރައީސް ވިދާޅުވީ ނިމުނު އަހަރު ސަރުކާރަށް އެންމެ ބޮޑަށް ދިމާވީ ބަޖެޓުގެ ދަތިކަންކަމަށާއި، އެހެން ނަމަވެސް އަލަށް މި ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ބަޖެޓާއި އެކު ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވެގެން ދާނެކަމަށެވެ.

