ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން މިއަދު ކުރިއަށްގެންގޮސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑޮކްޓަރ ކަރިސް ވަނީ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި އެ ޤައުމަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. ރައްދުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާ އާއި އަރިސްކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަރސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އެސްޓޯނިއާ އަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

ދެ ރައީސުންވެސް ވަނީ، ބައިނަލްއަޤުވާމީ ސެކިއުރިޓީއާ މެދު ޚިޔާލުބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމަށް، ޢަޒުމުކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ، އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: