އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މި މައްސަލަ ތަޙްޤީޤުކުރަން ޕޮލިހަށް ފޮނުވާނެ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުމްރާވެރިން މައްކާއަށް ގެންދިއުމަށް ފަހު ހާލުގައި ޖައްސާ މައްސަލަތަަށް މިފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން އޭގެ ތެރެއިން އެއް ކުންފުންޏެއްގެ ހުއްދަ ހިފަހައްޓައި، މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާވެރިންތަކެއް އުމްރާއަށް ގެންދިއުމަށް ފަހު އެނބުރި އައުމަށް ޓިކެޓު ނުނަގައި ޗެކް ބައުންސްވި ކުންފުންޏެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވުން ހިމެނެ އެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި އަމަލު ކުރަން ޖެޒެޓުކޮށްފައިވާ އުސޫލުތަކާއި ކުންފުނިތަކުން މިނިސްޓްރީ ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފުވާނަމަ ނުވަތަ އެއަށް އަމަލު ނުކުރާ ކުންފުނިތަކަށް ގަވައިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ 19 ވަނަ މާއްދާއަށް އަމަލުކޮށްފައި ނުވާ ކުންފުނިތަކާއި މެދު ފިޔަވަޅު އަޅާނެކަމަށާއި، އޭގެ ތެރޭގައި ހުއްދަ ބާތިލު ކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އުމްރާވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިނިސްޓްރީން ކުރަމުން ގެންދާނެކަމަށެވެ.

