ސްޓޮކް މަދުވުމުގެ ސަބަބުން ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގެ 100 ރުފިޔާގެ ނޫޓުތައް ދައުރުވާ ފައިސާގެ ތެރެއަށް ނެރުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގައި ސްޓޮކް މަދުވުމުގެ ސަބަބުން އަލަށް ޗާޕުކޮށްގެން ރަން ދިހަފަހެއްގެ ނޫޓު ސީރީޒް އިން 100 ރުފިޔާގެ ނޫޓުތަކެއް ގެނެސްފައެވެ. އަދި ޖެނުއަރީ 19 ވަނަ ދުވަހުގައި އެ ނޫޓުތައް ދައުރުވާ ފައިސާގެ ތެރެއަށް ނެރުމަށް ނިންމާފައިވާކަން ހިއްސާކުރެއްވިއެވެ.
އެމްއެމްއޭއިން ބުނެފައިގޮތުން އަލަށް ނެރޭ 100 ރުފިޔާ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުންނާނެކަމަށެވެ. އަދި މި ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީ ވާތްފަރާތުގެ މަތީގައިވާ މޫނުމަތީގެ އަގާއިއެކު އަދި ނޫޓުގެ ފަހަތުގައި ކަނާތްފަރާތުން މަތީގައިވާ މޫނުމަތީގެ އަގާއިއެކުކަމަށެވެ.
ދައުރު ކުރުމަށް ކަނޑައެޅިފައިވާ މި ނޫޓުތަކުގައި ސޮއިކުރައްވާފައިވާނީ އެމްއެމްއޭގެ ކުރީގެ ގަވަނަރު އަލީ ހާޝިމް ކަމަށްވާއިރު ތާރީހެއްގެ ގޮތުގައި ބަޔާންކޮށްފައިވާނީ 7 ޖުލައި 2024، 1 މުހައްރަމް 1446 ކަމަށް ހިއްސާކޮށްފައިވެއެވެ. މި ނޫޓުތަކާއިއެކު މިހާރު ދައުރުކުރާ 100 ރުފިޔާގެ ނޫޓުތައްވެސް ބޭނުން ކުރަމުންދާނެކަމަށް ބުނެފައިވެއެވެ.

