މި އަހަރު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 67 އިންސައްތަ މީހުން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ފަތުރުވެރިކަމުގެ ވުޒާރާއިންވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނާއި ގުޅުން ހުރި މައުލޫމާތުތައް އާންމުކޮށްފައެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ޖެނުއަރީ 12 ވަނަ ދުވަހުގައިކަމަށާއި އެ ދުވަހު 8،174 މީހުން އައިސްފައިވާކަމަށެވެ. ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ފަތުރުވެރިންގެ އަދަދުތައް 9.2 އިންސައްތައިން އިތުރުކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކާއިރު މިހާތަނަށް އައިސްފައިވަނީ ޖުމުލަ 84،074 މީހުންކަމަށް މައުލޫމާތު ދީފައިވެއެވެ. ނިމިދިޔަ އަހަރު މި މުއްތަކުގައި އައިސްފައިވަނީ 76،982 މީހުންކަމަށްވާއިރު 2023 ވަނަ އަހަރު އައިސްފައިވަނީ 69،535 ފަތުރުވެރިންނެވެ.
ޖެނުއަރީ 1 ވަނަ ދުހުން 13 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ މާކެޓުންކަމަށްވާއިރު ދެވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ އިޓަލީގެ މާކެޓުންނެވެ. ތިންވަނައިގައި އޮތީ ޔޫކޭ ކަމަށްވާއިރު ޗައިނާ އޮތީ ހަތަރު ވަނައިގައެވެ. އިންޑިއާ މާކެޓު އޮތީ ޖަރުމަނުވިލާތަށްފަހު 6 ވަނައިގައެވެ.
މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން ޖުމުލަ ފަތުރުވެރިންގެ ތެރެއިން 69.7 އިންސައްތަ ރިސޯޓުތަކަށް އައިސްފައިވާއިރު ދެން އެންމެ ގިނައިން މީހުން އައިސްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 25.1 އިންސައްތައެވެ. ހޮޓެލްތަކަށް އައިސްފައިވަނީ 2.6 އިންސައްތަ ކަމަށްވާއިރު ސަފާރީތަކަށް އައިސްފައިވަނީ 2.5 އިންސައްތައެވެ.

