ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދަނީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނިކުންނަން ގެތަކަށް ވަދެ އާދޭސް ކުރަމުން: ހުސައިން ހަމީދު

ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ދަނީ މުޒާހަރާއަށް ރައްޔިތުން ނެރުމަށްޓަކައި ގޭގެއަށް ވަދެ އާދޭސްކުރަމުން ކަމަށާއި މިފަދަ މަންޒަރެއް މީގެކުރިން ފެނިފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ހުސައިންވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ މައްޗަށް އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީއަކީ ސަރުކާރަށް ޖެއްސުންތަކެއް ކުރެވޭވަރުގެ މެޖޯރިޓީއެއް އޮތް ޕާޓީއެއް ނޫންކަމަށެވެ. ނަމަވެސް އެ ޕާޓީން ގޮވާލުމުން ނިމިދިޔަ ދައުރުގައި އެކި ގޮތްގޮތުން ފައިދާތައް ލިބި މަންފާތައް ހާސިލުކުރެވިފައިވާ ހާއްސަ ބަޔަކު ދިވެހި ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދައިގެން މަގުތަކުގެ މައްޗަށް ނެރެވޭތޯ މަސައްކަތްކުރާކަމަށެވެ.

ހުސައިން ވިދާޅުވީ، މީގެ ކުރިން ޖަލްސާއަކަށް ނުވަތަ މުޒާހަރާއަކަށް މީހުން ނެރުމަށްޓަކައި އެއް މަސް ދުވަސް ކުރިން މީހުން ނެރުމަށްޓަކައި ގޭތަކަށް ގޮސް އާދޭސްކުރާ މަންޒަރު ފެނިފައިނުވާނެކަމަށާއި މިހާރު އެމްޑީޕީގެ ފަރާތުން އެ މަންޒަރު ފެނިގެންދަނީ އަލަށް ކަމަށެވެ. މެމްބަރު ވިދާޅުވީ، މުޒާހަރާއަށް ރައްޔިތުން ނެރުމަށްޓަކައި ޕާޓީގެ ލީޑާރޝިޕުގެ ގޮތުގައި ތިއްބެވި ބޭފުޅުން ސަފާއި ކިއުތައް ހައްދަވައިގެން ގޭގެއަށްވަދެ އާދޭސްކުރައްވަމުންދިޔަ މަންޒަރު މިހާތަނަށް ފެނިފައިނުވާކަމަށާއި އެއީ އެމްޑީޕީން އަލަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ، ރައްޔިތުން ހިތްހަމަ ނުޖެހިއްޖެ ހާލަތުގައި އަމިއްލައަށް ނުކުންނާނެކަމަށާއި ބުނެ އާދޭސްކުރަން ނުޖެހޭނެކަމަށެވެ. އަދި ރައްޔިތުން ހިތްހަމަ ނުޖެހުމުން ތިބޭނީ މަގުތަކުގައިކަމަށާއި ރައްޔިތުން ގޭގައި ތިބީ އެ ދުވަސް ނާންނާތީކަމަށެވެ. ހުސައިން ވިދާޅުވީ، އެމްޑީޕީއިން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވާން ރައްޔިތުން ނުނުކުނާނެކަންވެސް އެ ޕާޓީއަށް އެނގޭކަމަށާއި ގޭގެއަށް ހިނގަމުންދާތާ އެއް މަސް ދުވަސްވެފައިވަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ.

މެމްބަރު ވިދާޅުވީ، ކޮންމެ ދުވަހެއްގެ ހަވީރު ޕާޓީގެ ލީޑަރުން ގޭގެއަށް ވަޑައިގެން ކަރުދާސް ބެއްސެވުމާއި އާދޭސްކުރެއްވުމުގެ މަސައްކަތްތައް ކުރައްވާކަމަށާއި އެވަރުންވެސް ފުރަތަމަ ގޮވާލުމަށް ރައްޔިތުން ނުނުކުންނާނެކަން އެނގުމުން މިހާރު ހަރަކާތް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ވަގުތަށް ބަދަލުތައް ގެނެސްފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ، އަދިވެސް ވަގުތު ބަދަލުކުރުމުގެ ފުރުސަތު އޮތްކަމަށާއި އެޕާޓީން މަސައްކަތްތައް ކުރިއަށް ގެންދަނީ ސިޔާސީގޮތުން މުޒާހަރާތައް ކުރިއަށް ގެންދާ އުސޫލުން ނޫންކަމަށެވެ. އަދި ކަންކަން ގޯސްވުމުން ރައްޔިތުން އަމިއްލައަށް މައިދާނަށް ނުކުންނާނެކަމަށާއި އެ ހިސާބަށް ކަންކަން ގޮސްފައިނުވާކަމަށް ފާހަގަކުރެއްވިއެވެ. ހުސައިން ވިދާޅުވީ، ރައްޔިތުންނާއިމެދު ނުހައްގުން އަމަލުކޮށްފައިވަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭކަމަށާއި ރާއްޖޭގެ ހާލަތު ގޯސްކޮށްލީ އަދި އެ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރަނީ ކޮން ބައެއްކަންވެސް ރައްޔިތުންނަށް އެނގޭނެކަމަށެވެ.

ހުސައިން ވިދާޅުވީ، އަބަދުވެސް ރާއްޖެއަށް މޮޅެއް ލިބިފައި އޮތްނަމަ ލިބިފައިވާނީ ޕީޕީއެމް ޕީއެންސީގެ ސަރުކާރުގައިކަމަަށާއި ތަރައްގީގެ ފުރިހަމަ ބޮޑު މަޝްރޫޢުއެއްވެސް ހިންގިފައިވަނީ އެ ދައުރުތަކުގައިކަމަށެވެ. އަދި އެމްޑީޕީން ގައުމު ފުނޑިއްޖެކަމަށް ބުނާއިރު އެ ޕާޓީއަށް ރާއްޖެއަށް ފައިދާހުރި އެއްވެސް ކަމެއް ކޮށްދެވިފައިނުވާކަމަށާއި ބުރިޖު އެޅުމަށް މަސައްކަތްކުރުމުން އެ ޕާޓީން އެ މަސައްކަތްތަކާއިމެދު ނުތަނަވަސްކަން އުފެއްދިއިރު އެ މަސައްކަތްތައްވެސް ވަނީ ފުރިހަމަކޮށް ނިންމާފައިކަމަށް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: