ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ކ. ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި ކައިރި ބައެއް އަތޮޅުތަކުގައި ވެސް އިމިގްރޭޝަން ހަރަކާތްތެރިވި އެވެ.
ބިދޭސީން އާންމުކޮށް ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ތައްޔާރު ކުރުކޮށް ވިއްކާ މައްސަލަތައް ވެސް އިމިގްރޭޝަނުން ބަލާފައި ވެއެވެ. އަދި މިފަދަ ގިނަ ގޮޅިތައް ބަލައި ފާސްކުރުމަށް ފަހު، ބިދޭސީންތަކެއް އަތުލައިގަތެވެ.
އެންމެ ފަހުން އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި ވަނީ މާލެ އަތޮޅު ހުރާގައެވެ. އެ ރަށުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 46 ބިދޭސީއަކު ގެންދިޔައެވެ.
އިމިގްރޭޝަނުން ބުނީ އަތުލައިގަތް ހުރިހާ ބިދޭސީން ވެސް ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔައީ ގަވައިދާ ހިލާފަށް ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.
މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަންތަކަށް ފަހު، އިމިގްރޭޝަންގެ އަމާޒަކީ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ. އޭގެ ތެރޭގައި ޑިޓެންޝަން ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމާއި، ޑީޕޯޓު ކުރުމުގެ މަރުހަލާ އަވަސް ކުރުން ހިމެނެ އެވެ.
މީގެއިތުރުން ރެއިޑުތަކާއި ގުޅިގެން ބައެއް ބިދޭސީން ފިލަން ރަށްތަކަށް ދާކަމަށް ފާހަގަކުރެވިފައި ވާތީ އިމިގްރޭޝަން ވަނީ އެ މައްސަލަތައް ވެސް ބަލަން ފަށާފަ އެވެ. އަދި މާލޭގައި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބިދޭސީންތައް ހަމަނުޖެހުން އުފައްދައި، މަރާމާރީ ހިންގުން އިތުރުވެފައި ވާތީ އެފަދަ ތަންތަން މޮނީޓަރ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އާޓިފިޝަލް ބީޗާއި، ރަސްފަންނު ހިމެނެ އެވެ.

