ވޭލް ޝާކް ބަލަން ދިއުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ އުޅަނދެއްގައި ޕްރޮޕެލާރ ގާޑު އެޅުވުން ލާޒިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުންވަނީ ދިވެހިރާއްޖޭގައި ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އިތުރު ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ފެހުރިހި ހިމާޔަތްކުރުމުގެ މަސައްކަތްތައް ސަރުކާރުން ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރަށް ހަރުދަނާކޮށްފައިވާއިރު މިހާރު ސަރުކާރުންވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފެހުރިހި ދެއްކުމަށްޓަކައި ގެންދާ ހުރިހާ އުޅަނދެއްގައި ޕްރޮޕެލާރ ގާޑުތައް އެޅުވުން ލާޒިމު ކަމެއްގެ ގޮތުގައި ކަނޑައެޅެމުގެ މަސައްކަތްތައް ފަށާފައިކަމަށެވެ.
މި އިސްލާހުގެ ސަބަބުން ސައުތް އަރި މެރީން ޕާކު ނޫން ފެހުރިހި ފެނިގެންދާ އެހެނިހެން ހުރިހާ ސަރަހަދެއްގައިވެސް އެފަދަ އުޅަނދުތަކުގައި ގާޑުތައް އެޅުވުން މަޖުބޫރުކުރެވިގެންދާނެއެވެ. ސައުތު އަރި މެރީން ޕާކު ނުވަތަ ސަމްޕާއަކީ މުޅި އަހަރުގެ ތެރޭގައިވެސް ފެހުރިހި ފެނިގެންދާ ސަރަހައްދެކެވެ. އަދި އެތަނަކީ މިކަމަށް ބައިނަލްއަގުވާމީ ގޮތުންވެސް މަޝްހޫރު ތަނެކެވެ.
ރިޕޯޓުތަކުގައިވާގޮތުން ފެހުރިހި ބެލުމަށް ފަތުރުވެރިން ގެންދިއުމަށް ހާއްްސަ ހުރިހާ ސައިޓުތަކެއްގައިވެސް އެފަދަ މަސައްކަތްތައް ކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނީޓާރކުރުމަށް ސްޕީޑް ބޯޓުތަކެއް މެދުވެރިކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. ދާދި ފަހުން ރާއްޖޭގެ ތިމާވެށްޓާއި ބެހޭ ވަޒީރު ތޯރިގު އިބްރާހިމް މި މަސައްކަތްތައް ކުރެވެމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ. އެގޮތުން ބައެއް ހާލަތްތަކުގައި އެންމެ ވޭލް ޝާކެއް ފަހަތުން އެތައް ސަތޭކަ މީހަކު ފަތައި ހަރަކާތްތެރިވާއިރު އެ މަސައްކަތްތައް އެއްވެސް އުސޫލެއް ނެތި ކުރެވެމުންދާކަން އަދި ކަނޑުއުޅަނދުތައްވެސް އެ މަސައްކަތްތައް ކުރާ ސަރަހައްދުތަކާއި އިންތިހާ ގާތްވާކަން ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އިސްކޮށް ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހިމް ޝިއުރީވެސް މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ޕްރޮޕެލާރ ގާޑުތައް އެޅުވުން ލާޒިކުރުމުގެ ސަބަބުން ފެހުރިހިތަކުގެ އިތުރުން އެ ދިރުންތައް ދެކިލުމަށްޓަކައި މޫދަށް އެރިއުޅޭ ފަތުރުވެރިންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި މި ފިޔަވަޅުން ރާއްޖެއިން ދެމެހެއްޓިނިވި ގޮތެއްގެމަތިން ފަތުރުވެރިކަމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތު ފެނިގެންދާކަމަށް ވިދާޅުވިއެވެ.

