ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މުޒާހަރާއިިން ފެނިގެންދަނީ ސަރުކާރުން ހައްގުތައް ނުހިފަހައްޓާނެކަން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައިޕާޓީ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާއިން ފެނިގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނުހިފަހައްޓާނެކަން ކަމަށް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ މުޒާހަރާއާއި ގުޅިގެން ސަންގުޓީވީން ގެނެސްދޭ ކަވަރެޖްގައި ބައިވެރިވެވަޑައިގެން ވެރިކަން ކުރާ ޕާޓީގެ ފަރާތުން މައުލޫމާތު ދެއްވަމުން މެމްބަރު އައިފާން ވިދާޅުވީ، ސަރުކާރުން ރައްޔިތުން ބިކަކޮށްލައިފިކަމަށް ބުނެ ގައުމު ފަނާވެފައިވާކަމަށް ބުނެ އެމްޑީޕީން މަގުތަކަށް ނުކުމެ ހަރަކާތްތެރިވާ މަންޒަރު ފެންނަމުންދާކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު މިއަދު ފެނިގެން މިދަނީ ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތް މިންވަރުކަމަށާއި އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އޭރުގެ އިދިކޮޅު ޕާޓީން ސުލްހަވެރިކަމާއިއެކު އަޑުއުފުލުމަށް ނުކުތުމުން ކަންކަން ވެގެންދިޔަ ގޮތްވެސް ރައްޔިތުންނަށް ފެނިފައިވާނެކަމަށެވެ.

އައިފާން ވިދާޅުވީ، މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހިފަހައްޓައިގެން އޭރު އެމްޑީޕީން ކުރި މަސައްކަތްތައްވެސް ފެނިފައިވާނެކަމަށެވެ. މެމްބަރު ވިދާޅުވީ، މުޒާހަރާކުރާ ތަނަށް އެސްއޯ ފުލުހުން ފޮނުވުމާއި ސަރަހައްދުތައް ބަންދުކުރުމުގެ އިތުރުން މާލެއަށް އައުމަށް ދަތުރުކުރި ލޯންޗުފަހަރު ހުއްޓުވުންފަދަ އެކި ތަފާތު ކަންކަން އެ ޕާޓީގެ ވެރިކަމުގެ ދައުރުގައި ކުރަމުންއައިކަމަށެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވުމުން ރާއްޖޭގެ ރައްޔިތުންނަށް ހިޔާލު ފާޅުކުރުމަށް ފުރުސަތު ދީފައިވާ މިންވަރު ފެނިގެންދާކަމަށާއި މި ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ހައްގެއް ނުހިފަހައްޓާނެކަން މިކަމުގެ ސަބަބުން ރައްޔިތުނަނަށް ޔަގީންވެގެންދާނެކަމަށެވެ.

އައިފާން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ރައްޔިތުންގެ ހައްގުތައް ހިފަހައްޓަވާނެ ވެރިއެއް ނޫންކަން މިއަދު ރައްޔިތުންނަށް ޔަގީންވެގެން ގޮސްފައިވާކަމަށާއި އެމްޑީޕީން ދައްކަމުން އައި ވާހަކަތަކަކީ މުޒާހަރާ ކުރާނެ ފުރުސަތު ނުދޭނެ ވާހަކަ ކަމަށްވުމުން ދެން އެ ޕާޓީން ދައްކާނީ ކޮން ވާހަކައެއްތޯ ސުވާލު އުފެއްދެވިއެވެ. އަދި މިއަދު ސަރުކާރާއި ރައީސް ޑރ މުއިއްޒުގެ ފަރާތުން ފެނިގެންދަނީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ކަށަވަރުކުރުމަށްޓަކައި ޖާގަ ދީފައިވާ މަންޒަރުކަން ތަކުރާރުކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ރައްޔިތުން ހަނާވެ ބިކަވެފައިވާކަމަށް ބުނާއިރު ހަގީގަތުގައި އެ ހާލަތަށް ގައުމު ގެންދިޔައީ އެމްޑީޕީންކަމަށާއި އެޕާޓީން 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ރައުސްމާލުގައި ފައިސާހުރިކަމަށެވެ. ނަމަވެސް އެ ޕާޓީގެ ފަސް އަހަރުގެ ދައުރު ނިމިގެންދިޔައިރު އެކި ވެރިކަމުގެ ދައުރުތައް އެއްކޮށްލުމުންވެސް ނުދަރާވަރަށް ދަރުވާލާފައިވާ މަންޒަރުވެސް ފެނިގެންދިޔަކަމަށެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 38%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: