ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ބިލެއް ހުށައަޅަން ބަންޑާރަ ނައިބަށް ގޮވާލަން: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ބިލެއް ހުށައެޅުވުމަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްއަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓަށް ގާޒީއަކު އައްޔަނުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަޒާން ވިދާޅުވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ނަންފުޅު ފޮނުވާފައިވާ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދަކީ އެކަމަށް ގާބިލު ބޭފުޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

އަޒާން ވިދާޅުވީ، ދިރާސާތަކަށް ބަލާލުމުން ގައުމުތައް ތަރައްގީވެގެން އަންނަނީ އެގައުމަކަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަކުގެ މައްޗަށް ބިނާވެ އެކަނި ނޫންކަން ފެނިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، އެ ގައުމެއްގައި ބިނާކޮށްފައިވާ އެކިއެކި މުއައްސަސާތައް މިނިވަން ވަރުގަދަ ތަންތަނުގެ ގޮތުގައި އޮތުމަކީވެސް ތަރައްގީއަށް މަގުފަހިވެގެންދާ ކަމެއްކަން ދިރާސާތަކުން ދައްކާކަމަށެވެ.

މެމްބަރު ވިދާޅުވީ، އެފަދަ ގޮތަކަށް މުއައްސަސާތަކުގެ ކަންކަން ބައްޓަންވެފައި އޮތުމުން ގާނޫނުގެ ވެރިކަން ނެގެއްހެއްޓުމުގައި އެހީތެރިކަން ލިބިގެންދާކަމަށާއި ސިޔާސީގޮތުން ހަމަޖެހުންވެސް ގާއިމުވެގެންދާކަން ދިރާސާތަކުގެ މައުލޫމާތުން އެނގިގެންދާކަމަށެވެ. އަދި ސިންގަޕޫރު ފަދަ ގައުމުތައް ކުރިއަރައިގެންދިއުމުގައި މުއައްސަސާތަކުގެ މުހިންމު ދައުރެއް އޮތްކަން ފާހަގަކުރެވިފައިވާކަމަށްވެސް އަލިއެޅުއްވިއެވެ.

މެމްބަރު ވިދާޅުވީ، މިވާހަކަތައް ހިއްސާކުރެއްވީ މިވަގުތު ރާއްޖޭގައިވެސް ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާތީކަމަށާއި އެހެންކަމުން ރަނގަޅު ފަނޑީޔާރުތަކެއް ލުމުގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމުވެސް އިސްލާހުކުރެވެންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ، އިދިކޮޅުގައި އޮތް އިރު ޕީއެންސީން އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ ޖޭއެސްސީ އިސްލާހުކުރުންކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ އެމްޑީޕީގެ ވައުދެއްކަމަށްވާއިރު އެ ޕާޓީގެ ވެރިކަމުގެ ދައުރު ނިމިގެންދިޔައިރުވެސް އެކަން ކުރެވިފައިނުވާކަމަށެވެ.

މެމްބަރު ވިދާޅުވީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުވަނީ 19 ވަނަ މަޖިލީހުގައި އެކަން ކުރެއްވުމަށްޓަކައި ބިލެއްވެސް ހުށައަޅުއްވާފައިކަމަށެވެ. ނަމަވެސް އޭރު އެކަމަށް ތާއީދު ނުލިބުނުކަން ފާހަގަކުރެއްވިއިރު ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަނު ނުކުރެއްވުމަށް ވައުދުވެވަޑައިގެންފައިކަން ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، 20 ވަނަ މަޖިލީހުންވެސް އެކަން އެގޮތަށް ކުރައްވަން ނޭދޭކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ވީއެންމެ އަވަހަކަށް ބިލެއް ހުށައެޅުއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްއަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: