އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ”އޮޕަރޭޝަން ކުރަނގި“ އަށް މައުލޫމާތު ހިއްސާ ނުކުރާ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭމުން ދާނަމަ އިތުރު ފުރުސަތެއް ނުދީ ރާއްޖެއިން ޑީޕޯޓު ކުރަމުންދާނެކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.
މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނީ އޮޕަރޭޝަން ކުރަނގި ޕްރޮގްރާމް މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައި ފަށައި، މިއަދާއި ހަމައަށް ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތުތައް އެއްކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން އެކަނި ވެސް 60،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ހިމެނޭނެކަމަށް ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި އެއްކުރެވިފައި ވަނީ 40،000 ބިދޭސީންގެ މައުލޫމާތު ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ މިހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން މައްސަލަ ހައްލު ކުރުމަށް މާބޮޑު ސަމާލުކަމެއް ނުދޭތީކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމާއި އެކު ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ބަޔާނުގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު އޮތް ހަރުކަށި އުސޫލުތަކަށް އޮޕަރޭޝަން ކުރަނގި ނިމުމުން މިހާރު ދިމާވާ ދަތިތައް ހައްލުވެގެން ދާނެކަމަށެވެ.
މިނިސްޓްރީން އެދިފައި ވަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނެގުމުގެ ޕްރޮގްރާމުގައި ބައިވެރިވެ މައުލޫމާތު ދީފައި ނުވާ ބިދޭސީންތްތައް އޭޕްރިލް މަހުގެ ނިޔަލަށް މައުލޫމާތުތައް ހިއްސާކޮށްދިނުމަށެވެ. އެ ތާރީހަށް ފަހު މައުލޫމާތުތައް ނުދީ ހުރި ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާނަމަ އެ ބަޔަކު ޑީޕޯޓު ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވި ގޮތުގައި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ އެމީހުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި އެއީ ރާއްޖޭގައި ބިދޭސީން އުޅުމުމުގެ އުސޫލުން ތެރެއިން މަސައްކަތްކުރާ މީހުންތޯ ދެނެގަތުންކަމަށް ވިދާޅުވި އެވެ.

