ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމަށް ވިސްނަވަމުން ގެންދަވާކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.
ރައީސް އެކަން ހާމަ ކުރެއްވީ އަންގާރަ ދުވަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށް ކަމާ ބެހޭ ވަޒީރުންނަށް އަންގަވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާނެކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މި ސަރުކާރުން ގެންދަނީ ދުންފަތާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙާއި، ވޭޕް މަނާ ކުރުމާއި، ޖެނެރޭޝަނަލް ބޭންގެ އިތުރުންވެސް އިތުރު ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.

