ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުން: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ، ސަރުކާރުން ފިޔަވަޅު އަޅަމުން ދާކަން އެނގި ތިބެކަމަށް މަނދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ސަރުކާރުގެ މެމްބަރުންގެ ވޯޓާއި އެކު ބަލައިގަނެ ބަހުސް ކުރިޔަށް ގެންދިޔަ އެވެ. މީކާއިލްގެ މައްސަލައިގައި ވަނީ ތިން ވަނަ ބޮޑު ހަނގުރާމައިގެ މަލަމަތި ފެންނަން ފަށާފައިވާކަމަށެވެ. އަދި މިހާރު ހަނގުރާމައިގެ ސަބަބުން ދުނިގޭގެ ތެލުގެ ބާޒާރަށް އަސަރު ކުރަމުންދާކަމަށް ވެއެވެ. މި މައްސަލައިގައި ވަނީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ފަދަ އަސާސީ ސާމާނު ހުރިކަން ރައްޔިތުންނަށް ޔަގީންވާ ޖެހޭ ކަމަށެވެ. އަދި އެ ތަކެތި ހުސްވުމެއް ނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދިނުމަށް ގޮވާލައި ވަނީ މި ވަގުތު ޑޮލަރުގެ ރިޒާވް ހުރި މިންވަރު ބަލައި ކޮންމެ ހަފްތާއަކު ވެސް މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން މޮނިޓާކުރުމަށެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހުސްނީ ވިދާޅުވީ، މެދުއިރުމަތީ ގައުމުތަކުގެ މެދުގައި ފެށުނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އަދި ގަތަރުގެ އެއާ ސްޕޭސް ބަންދު ކުރުމާއި، އެއާލައިންތަކުގެ ދަތުރުތައް މެދުކެނޑުމަކަށް އައުމާއި އެކު ވެސް ސަރުކާރުން އެކަން ގާތުން ބަލައި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުތައް ގެނެގަތުމުގެ މަސައްކަތް ފެށިކަން ކަމާއި ބެހޭ ވުޒާރާތަކުން ވެސް ހާމަކުރިކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ މި މައުލޫމާތުތައް ދެއްވީ ސީދާ މިނިސްޓަރުންކަމަށާއި، އެމްޑީޕީ ކުއްލި މައްސަލަ ހުށަހެޅި އިރު ވެސް ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ފެށިގެން ރައްޔިތުންނަށް ސާފުވާނެކަމަށެވެ. ހުސްނީ ވިދާޅުވީ މިއަދު މި ވާހަކަ ދައްކަން ޖެހިފައި ވަނީ އިޒްރޭލު އިސްވެ އޮވެ، އީރާނަށް ދިން ހަމަލާއާއި ގުޅިގެން ކަމަށެވެ.

އެމްޑީޕީން ކުއްލި މައްސަލަ ހުށަހެޅުމުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ހުސްނީ ވިދާޅުވީ، މީގެ ކުރީގައި އެމްޑީޕީ ހުއްޓުމެއް ނެތި ދައްކަމުން އައީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ މަރުހަލާ ލަސް ވާހަކަ ކަމަށެވެ.

ނުކޮށް އޮތް ނަމަ މިއަދު އެންމެ ބޮޑަށް އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ހުށަހަޅައި އަދިވެސް އެކަން ނުކޮށްގެން ވާހަކަ އެ ފިތުނަ ފަތުރަމުންދާނެ.. އެހެންވީމާ އަޅުގަނޑުމެން އިޒްރޭލާ އެކީގައި އެފަދަ ގާތް ގުޅުމެއް ނުބާއްވާނެ.. މި ސަރުކާރަކުން އިޒްރޭލުން އިސްވެ އެ ދިން ހަމަލާ އަޅުގަނޑު ހަމަ ކުށްވެރިކުރަން..

މީގެއިތުރުން ހުސްނީ ވިދާޅުވީ އިގްތިސާދީ ކާރިސާއެއްގައި އެމްޑީޕީގެ އަމަލުތައް ހުރި ގޮތް ގާތުން ރައްޔިތުންނަށް ފެނިގެން ގޮސްފައިވާކަމަށެވެ. އެގޮތުން ކޮވިޑު-19 ގައި އެންމެ ހާލު ގޯސްވީ ވަގުތު ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރު އޭގެ އަހަރުތަކެއް ފަހުން ވެސް ރާއްޖެއަށް ނުލިބޭކަމަށް ހުސްނީ ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ވެންޓިލޭޓަރަށް ފައިސާ ދެއްކުމަށް ފަހު، އެއަށްވީ ގޮތާއި މެދު ރައްޔިތުން ސުވާލު އުފެއްދިކަމަށާއި އެހެން ނަމަވެސް ހިޔާނާތެއްވިކަމަށް ގަބޫލު ކުރަން އެމްޑީޕީ ދެކޮޅު ހަދާކަމަށެވެ.

ހުސްނީ ވިދާޅުވީ އެމްޑީޕީއަށް ގަބޫލު ކުރަން ދަތި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމާއި، ދިވެހި ރައްޔިތުންގެ މުސްތަގުބަލާއި މެދު ވިސްނާ ވެރިއެއް ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްކޮށް ގައުމު އޮތީ ދަރަނިވެރިކޮށްފައިކަމަށާއި ކަންކަމާއި މެދު އަޅާ ފިޔަވަޅަކީ ކޮބައިތޯ ސުވާލު ކުރުމުގެ ބަދަލުގައި މި ހުރިހާ ގޯހެއްގެ ޒިންމާ ނަގަންވީ އެމްޑީޕީކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ދަރަންޏަށް ދައްކަން ޖެހިފައި ވަނީ އެމްޑީޕީގެ ސަބަބުން ކަމަށެވެ. އަދި މި ސަރުކާރުން އެ ދަރަނި އަދާކޮށް، ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދަނީ އިތުރު ލޯނުތައް ނުނަގައި ފައިސާ ވެސް ޗާޕު ނުކޮށްކަމަށް މެމްބަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: