ހުޅުމާލެ ރަންގެ އެންމެ ފަހުގެ ތައްޔާރީތައް އެޗްޑީސީއާއިއެކު ވަރަށް ބާރަށް ކުރިއަށް ދާކަމަށް އެލީޓް ރަނާސްގެ ކޯ ފައުންޑަރ އަހުމަދު ޝަރަފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ޝަރަފް ވިދާޅުވީ ހުޅުމާލެ ރަން އޮންނަ ދުވަހަށް ވަގުތު ކުޑަތަން ވެފައިވާ ކަމަށާއި، އެހެންނަމަވެސް ރެޖިސްޓްރޭޝަންއަށް އަދި 3 ދުވަސް އޮތް ކަމަށެވެ. އެހެންކަމުން އެންމެ ފަހު ވަގުތައް މަޑު ނުކުރައްވާ ވީހާވެސް އަވަހަށް ރެޖިސްޓްރީ ކުރުމަށް ޝަރަފް ވިދާޅުވިއެވެ.
ޝަރަފް ވިދާޅުވީ މިވަގުތު ރަންގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ގޮތުގައި އެކްސްޕޯގެ މަސައްކަތް އަދި ރޭސް ވިލެޖުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެކްސްޕޯއިން ރޭހުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ކިޓު ލިބިގެންދާނެ ކަމަށް ޝަރަފް ވިދާޅުވިއެވެ.
ހުޅުމާލެ ރަންގެ ދުވުންތައް ކުރިޔަަށް ދިޔުމަށް ކަނޑައެޅިފައިވާ ވަގުތުތައް ހާމަކުރައްވަމުން ޝަރަފަ ވިދާޅުވީ، ހެނދުނު 6 ޖަހާއިރު 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުން ފެށޭނެކަމަށެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ”ކިޑްސް 1 މައިލް“ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައެވެ.
މި ދުވުމުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މިދުވުމުގެ ސްޕޮންސަރުންނަކީ ކްލިކް ކޮމްޕައުޓާސް އަދި ބެވަރެޖް ޕާޓްނަރ އަކީ ބޮނަކުއާއެވެ. މި ދުވުމުގެ ތެރެއިން ކްލިކް ކޮމްޕިއުޓާސްގެ ހާއްސަ ލަކީޑްރޯއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި ލަކީޑްރޯގައި އަގުހުރި އިނާމްތަކެއް ހުށައަޅައިފައިވާ ކަމަށާއި، އޭގެތެރޭގައި 55 އިންޗީގެ އަގުހުރި ޓީވީއެއް، ޑެލް ލެޕްޓޮޕް، ކަރޯކޭ ސިސްޓަމް، ވޯޓަރ ޕްރޯފް ހެޑްސެޓް އަދި ދަބަސް ފަދަ ތަކެތި ހިމެނޭނެކަމަށް ޝަރަފް ވިދާޅުވި އެވެ.
ޝަރަފް ވިދާޅުވީ ހުޅުމާލެ ރަންގެ ލައިން ކްރޮސް ކުރާ ކޮންމެ ބޭފުޅަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. މި ލަކީޑްރޯގެ 1 ވަނަ ނަސީބުވެރިއަކަށް ލިބޭނީ މެލޭޝިޔާއަށް ހިލޭ ދެކޮޅު ޓިކެޓެވެ. އަދި 2 ވަނަ ނަސީބުވެރިއަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓުން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

