ލާމަރުކަޒީ ގާނޫނަށް 16 އިސްލާހެއް ގެނެސްފައި ވުމަކީ މި ނިޒާމުގައި މައްސަލަ ހުރިކަމުގެ ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނަސީމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 15 އަހަރު ވެގެން ދިޔައިރު މި ގާނޫނަށް 16 އިސްލާހެއް ކަމަށެވެ. މީގެއިން ވެސް ގާނޫނުގައި ހުރި މައްސަލަތައް އެނގިގެންދާކަން ފާހަގަކޮށް ނަސީމް ވިދާޅުވީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ގެނެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި ގާނޫނުތައް ފަރުމާ ކުރަނީ އަބަދުވެސް ބޭރު ގައުމުތަކުގެ ގާނޫނުތައް ބަލައިގެން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެއުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ އިތުރުން ރާއްޖެ ގޮތަށް އުފެދިފައިވާ ގައުމުތަކުގެ ސިޔާސަތަށް ބަލާލުން މުހިންމު ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެެނެވޭނީ ރާއްޖޭގެ މާހައުލަށް އެ ގާނޫނު ބައްޓަން ކުރެވިގެންކަމަށް މެމްބަރު ވިދާޅުވިއެވެ.
”އަސްލުގައި ބްލޮކް ގްރާންޓް މިދެނީ އެ ކައުންސިލްގެ ހުރިހާ ކަމަކަށް. މުސާރައާއި އެހެނިހެން ކަންތައްތަކާއި ހުރިހާ ކަމެއް ހިމެނޭ ގޮތަށް. ދެން ބްލޮކް ގްރާންޓް ދިނީމާ ބައެއް ފަހަރަށް ބައެއް ކައުންސިލްތަކުން ތިދެންނެވި ގޮތަށް ބޭނުން ނުކޮށްވެސް އެބަ ހުރޭ. އެހެންނަމަވެސް ބޭނުން ކުރާ ކައުންސިލްތަކުން ހަމަ އޭގެ ބޭނުން ރަނގަޅަށް ފުރިހަމައަށް އެބަ ކުރޭވެސް މެ. އެއީ އެހެންވެ އަޅުގަނޑު މި ދެންނެވީ ދިވެހި ރާއްޖޭ އުފެދިފައި އޮތް ގޮތަށް ބަލަން އެބަ ޖެހެއޭ“
މެމްބަރު ވިދާޅުވީ ބްލޮކް ގްރާންޓް ބަހަން އޮންނަނީ އާބާދީއާއި ރަށުގެ ބޮޑު މިނާއި ހުރިހާ އެއްޗަކަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް އެކި ރަށްރަށުގައި އިގްތިސާދީ މޫވްމަންޓުތައް ނުވަތަ އިގްތިސާދު ވެސް ހުންނަނީ އެކި ގޮތަށްކަމަށް މެމްބަަރު ވިދާޅުވިއެވެ.
މީގެއިތުރަށް މެމްބަރު ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ އާބާދީ އާއި އަދި ރެޖިސްޓަރީކޮށްފައިވާ އާބާދީއަށްވެސް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި 2000 ގެ އާބާދީ ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް ދިރިއުޅޭ އާބާދީ 1000 ގައި ހުންނަ ކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ އަކީ 2000 ކަމަށް ވީނަމަވެސް އެރަށުގައި ދިރިއުޅޭ އާބާދީ 3000 މަތީގައިވެސް ހުރެދާނެ ކަމަށް ވިސްނަން ޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

