އެމްޑީޕީއަށް ނޫނީ މި ގައުމުގައި ރަނގަޅު ބަދަލުތައް ގެނެވޭނެ ޕާޓީއެއް ނެތްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ފައްޔާޒް ވިދާޅުވީ މީގެ 20 އަހަރު ދުވަހުގެ ކުރީގައި އޮތް ދިވެހިރާއްޖެއާއި އަދި މިއަަދުގެ ދިވެހި ރާއްޖެއާއި ވަރަށް ތަފާތު ކަމަށެވެ. ސިޔާސީ ގޮތުން ވިޔަސް، އިގްތިސާދީ ގޮތުން ވިޔަސް އަދި އިޖުތިމާއީ ގޮތުން ވިޔަސް ފެނިގެން ދަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މަންޒަރު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ހާއްސަކޮށް ރައްޔިތުންގެ ބާރުވެރިކަމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ބުނުމުގެ ބާރުވެރިކަން މިއަދު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މިކަންކަން ރާއްޖެއަށް ގެނެސް ބަދަލުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ އެމްޑީޕީން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި 20 އަހަރު ވަންދެން ދެމިއޮތް ޕާޓީއަކީވެސް އެމްޑީޕީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”މިކަންކަން މިހެން ވުމުގައި، މި ގައުމު ބަދަލު ކުރުމުގައި އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއަށް ތާއިދު ކުރާ އާއްމު ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު. އަޅުގަނޑުމެންނާއިއެކު މިގައުމު ބަދަލުކުރަން މަސައްކަތްކުރި ވަރަށް ގިނަ ބޭފުޅުން މިހާރު ވަނީ އަޅުގަނޑުމެންނާއި ވަކިވެ ގޮސްފައި. މިއަދު އެމްޑީޕީ 20 އަހަރު ފާހަގަ ކުރަމުން ދާއިރުގައި އަޅުގަނޑުމެންގެ ވާޖިބެއް އެބޭފުޅުންގެ މަތިން ހަނދާންކޮށް އެބޭފުޅުންގެ ފަރާތުން މި ދިވެހިރާއްޖެއަށް މި ލިބުނު ހެޔޮ ބަދަލުތަކުގެ ހަނދާންތައް އަލާ ކުރުން“
ފައްޔާޒް ވިދާޅުވީ އާއްމު ދިވެހި ރައްޔިތުންގެ އުންމީދު ވަރަށް ބޮޑަށް އޮންނަނީ އެބޭފުޅުންގެ ކުރިމަގާއި އެމްޑީޕީއާއި ގުޅިފައި ކަމަށެވެ. ހާއްސަކޮށް ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ދަނޑިވަޅެއްގައި އާއްމު ރައްޔިތުންގެ ފޯކަސް ހުންނަނީ ރައްޔިތުންނާއި ދިމާލަށް ކަމަށް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ނޫނީ މި ގައުމުގައި ރަނގަޅު ބަދަލުތައް ނުގެނެވޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.
ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކަންތައްތަކާއި ކުރިމަތިލައިފައިވާ ކަމަށް ވިދާޅުވިއެވެ. މި ގައުމު ބަދަލު ކުރުމުގަޔާއި އަދި ޕާޓީގެ އެތެރޭގައިވެސް އެތައް ކަންތައްތަކެއް ހިނގައިގެން ގޮސްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އަނެއްކާވެސް އެމްޑީޕީން މިހާރު މިއޮތް ދިވެހިރާއްޖޭގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކުރުމަށް ނިކުންނަކީ އެކުގައި ގަދަކޮށް ތިބެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

