މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މަސައްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބާގައި އެކްސްގައި ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން، މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އަސްލު ގޮންޖެހުންތައް ބަލައިގަންނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މި މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔެ އެއްބައިވެ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ރާއްޖޭން ވަނީ ގާނޫނު ތަންފީޒުކުރުމާއި، ރައްކާތެރިކަން ކަށަވަރުކުރުމައި ފަރުވާ ދިނުމާއި އަދި މުޖުތަމައުއަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް އެއް ގައުމީ އޮނިގަނޑެއްގެ ދަށުން މުހިންމު ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު ދިވެހިރާއްޖެ އިތުރަށް ދުޅަހެޔޮ އަދި ރައްކާތެރި ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކާއި މި ނުރައްކާތެރި ގޮންޖެހުންތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެ އެއަށް ހިއްސާކުރުމުގައި ދެމިތިބޭނެކަން މިއަދު ކަށަވަރުކޮށްދެއްވާ ކަމަށެވެ.
މި ސަރުކާރުން ދަނީ އެކި މަސްތުވާތަކެއްޗާއި ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އެކި މުވައްސަސާތަކާއި ތަންފީޒީ އިދާރާތަކާއި ގުޅިގެން ރިފޯމްކުރުމުގެ މަސައްކަތްތަކެއްވެސް ވަނީ ކޮށްފައެވެ.

