ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުންނަމަ އޮޕޮޒިޝަން ލީޑަރަކީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނިޔާޒް ވިދާޅުވީ ވެރިކަމުގައި އޮތްއިރު ޕާޓީގެ އަސާސީ ގަވައިދުގައި އޮންނަނީ ޕާޓީގެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އިދިކޮޅުގައި އޮންނަ އިރު ޕާޓީގެ އިސްފަރާތަކީ ޕާޓިގެ ރައީސް ކަމަށް ނަޒިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވައިދަށް ގެނެއި ބަދަލުގައި އޮންނަނީ ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނާނީ ޗެއާޕާސަން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އިދކޮޅުގެ ލީޑަރަކީ ކާކުކަން ވަރަށް ސާފު ކަމަށާއި، އެހެންނަމަވެސް މީހުން އެކަމުގައި ދެކޭ ގޮތް އެއީ މުޅިން ތަފާތު ކަމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ވާހަކައަށް އަލިއަޅުވާލައްވާ ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ހިންގުން އޮންނަނީ 2 ވިންގަކަށް ކަމަށެވެ. އެއީ ސިޔާސީ ވިންގަކާއި އިދާރީ ވިންގެއް ކަމަށެވެ. ނިޔާޒް ވިދާޅުވީ އިދާރީ ވިންގުގެ އެންމެ އިސްފަރާތަކީ ޕާޓީގެ ޗެއާޕާސަން ކަމަށާއި ސިޔާސީ ވިންގުގެ އެންމެ އިސްފަރާތަކީ ޕާތީގެ ރައީސް ކަމަށެވެ.
”މިގޮތަށް ހިނގަމުން އެންމެކުރީސުރެ އައިސް ތަފާތު ސަބަބުތަކާއިހުރެ، ދެން އޭރު އެ ހާލަތު އޮތް ގޮތުން އެ ބަދަލު އަންނަން ޖެހުނީ ކަމަށް މި ވަނީ. ހަގީގަތުގައި މިވަގުތު ޕާޓީ އޮޕޮޒިޝަންގައި އޮންނައިރު ވަރަށް ގިނަ މީހުންނަށް ހަގީގަތުގައި ގަބޫލުކުރެވޭ ޕާޓީގެ ސިޔާސީ ގޮތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި ބާއްވަން ވާނީ ޕާޓީގެ ރައީސް ކަމަށް. އެއީ ކުރީގައި އެމްޑީޕީ ފެށުނީއްސުރެ 18 ނުވަތަ 19 އަހަރު އަމަލުކުރަމުން އައި ގޮތް. ޕާޓީގެ ރައީސްގެ ރޯލެއް ހަގީގަތުގައި އޮންނަން ވާ މިންވަރަކަށް ނޯންނަ ކަމަށް ޕާޓީގެ ބައެއް ގްރާސްރޫޓް މީހުންނާއި، ތަޖުރިބާ ކާރު މީހުން، އަދި އަޅުގަނޑުވެސް ގަބޫލު ކުރަނީ އެގޮތަށް“
ނިޔާޒް ވިދާޅުވީ އެމްޑީޕީގައި ދެ ވިންގު އޮވެ، އެ ދެ ވިންގަށް ބޭނުންވާ އަދި އަސާސީ ގަވައިދުން ބޭނުންވާ ބާރު އޮންނަން ވާނެ ކަމަށެވެ. ނިޔާޒް ވިދާޅުވީ އެނޫން ގޮތަކަށް ކަން ހިނގާނަމަ އެ ދެބޭފުޅުންގެ ކޯޅުން އަންނަ ކަމަށެވެ.

