ދިވެހިރާއްޖެއާއި ޔުނައިޓެޑް ކިންގްޑަމްއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްޓަކައި ވެސްޓް ލަންޑަން ޗެމްބަރ އޮފް ކޮމާސް (ޑަބްލިޔުއެލްސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ލަންޑަންގައި ބޭއްވުނު ”ދިވެހިރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމް 2025“ ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ވިޔަފާރި، އިންވެސްޓްމަންޓް އަދި ވިޔަފާރި ތަރައްޤީކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމަށް އޮނިގަނޑެއް ޤާއިމްކޮށް، ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާ މަގުތަކެއް އެކުލަވާލެވިފައިވާކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. މި ބައިވެރިވުމުގެ ދަށުން ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެފަރާތުގެ ވިޔަފާރި މިޝަންތަކާއި އިންވެސްޓްމަންޓް ކުރިއެރުވުމުގެ ޙަރަކާތްތައް އެކުގައި ފަސޭހަކޮށްދިނުން ހިމެނޭކަމަށް ބުންޏެވެ. އަދި މާކެޓަށް ވަނުމުގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަނެ ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މައުރަޒުތަކާއި ވިޔަފާރިތަކާއި ގުޅުން ހުރި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން ހިމެނެކަމަށާއި، މި އެއްބަސްވުމުގެ ދަށުން ވިޔަފާރި ގުޅުވައިދިނުމުގެ މަސައްކަތްތަކާއި އިންވެސްޓްމަންޓް ކުރިއެރުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖޮއިންޓް ބިޒްނަސް ކައުންސިލްއެއް ޤާއިމްކުރުން ހިމެނޭކަމަށް ބުންޏެވެ.
މައުލޫމާތުދީފައިވާ ގޮތުން މި އިސްތިރާޖީ މަސައްކަތަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، ދިވެހި ވިޔަފާރިތަކަށް އައު މާކެޓްތަކަށް ވަނުމުގެ ފުރުޞަތުތައް އުފެއްދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ ހާމަކަން ބޮޑު މިސާލެކެވެ. މި އެއްބާރުލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުޅާ އިޤްތިޞާދީ އެޖެންޑާއަށް ސީދާ ގޮތެއްގައި ދެވޭ އެހީތެރިކަމެއްކަމަށް ފާހަގަކުރެއެވެ. އެއީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ތަފާތުކުރުން ހާސިލުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ގުޅުންތަކާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން، ދިގު މުއްދަތަކަށް ދެމިގެންދާނެ އިޤްތިޞާދީ ފުދުންތެރިކަމެއް ބިނާކުރުންކަމަށް ބުންޏެވެ.
17 ޖުލައި 2025 ގައި ސޮއިކުރެވުނު މި އެމް.އޯ.ޔޫ އަށް ޢަމަލުކުރެވޭނީ ފުރަތަމަ 3 އަހަރު ދުވަހުގެ މުއްދަތަށެވެ.
ދެފަރާތުން އެއްބަސްވާނަމަ އިތުރަށް އައުކުރުމުގެ ފުރުޞަތު ލިބިގެންވާކަމަށާއި، މި އެއްބަސްވުމުގައި ހިމެނެނީ، އެއްބާރުލުމުގެ މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރެވޭ މިންވަރު ވަޒަންކުރުމަށާއި، އެ މަސައްކަތްތަކުގެ ފެންވަރު މުސްތަޤުބަލުގައިވެސް އަބަދުމެ ރަނގަޅުކުރަމުން ގެންދިއުމަށްޓަކައި، މުރާޖަޢާކުރުމުގެ ހަރުދަނާ ނިޒާމުތަކާއި ގަވާއިދުތައްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއިންވެސް ބުންޏެވެ.

