ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުނުކުރާގޮތަށް، ރާއްޖެއިން އަމަލުނުކުރުމަށް ވިސްނާލަންޖެހޭކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ސަންގުޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރިފައިވާއިރު، އެ މިނިވަންކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ދުނިޔެއަށް އަންނަ އަވަސް ބަދަލުތަކާއި، އެ ބަދަލުތަކާއި އެއްވަރަށް ފައިހަމަކުރުމާއި ގުޅޭގޮތުން ރައީސް ނަޝިދު ވަނީ ވާހަކަ ދައްކަވާފަ އެވެ.
ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތައް އަމަލުނުކުރާގޮތަށް، ރާއްޖެވެސް އެ ބީދައިން އަމަލުނުކުރުމަށް ވިސްނާލަންޖެހޭކަމަށެވެ. އަދި ވިދާޅުވީ އިންސާނީ ހައްގުތަކަަށް ބަލާލުމުން ފެނިގެންދަނީ، އެ ހައްގުތައް ހިމަޔާތްކުރުމަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ.
އަޅުގަނޑުމެން ވަރަށް ހިތާމަކުރަން… މިސާލަކަށް، ޣާޒާގަ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެގެން މި އަންނަ ކަންތައްތައް… ދެން… އަޅުގަނޑުމެން ކުޑައިރުއްސުރެއް ފަށައިގެން ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގަ އަދި އެމީހުންގެ އަސާސީ ހައްގުތަކަށް ވަކާލާތު ކުރަމުން، އަޅުގަނޑު ހަމަގައިމުވެސް… މަދަރުސާ އިރުއްސުރެއްސުރެ ފެށިގެން… އަދި ވެރިކަމުގެ ބާރުތައް ލިބުނީމަވެސް…
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ޣައްޒާއަށް ކުރިމަތިވެފައިވާ ހާލަތަކީ އެމަނިކުފާނު ހިތާމަކުރާ ކަމެކެވެ. އަދި އެމަނިކުފާނުގެ ޅައުމުރުފުރާއިން ފެށިގެން، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމަޔަށްވެސް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ އިންސާނީ ހައްގުތަކަށް ވަކާލާތުކުރެއްވިކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ކަންކަމުގައި އޮންނަ ރަނގަޅު ގޮތް، ރާއްޖެއިން ހިޔާރުކޮށް، އެ ރަނގަޅުކަމަށް ގޮވާލާ، އެ ގޮތުގައި ތިބުން މުހިއްމުކަމަށެވެ. އަދި އަދި، ގޯސް ގޮތްތަކާއި ދުރުހެލިވެ، އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ގޯސްކޮށް ކަންތައްތައް ނުކުރުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
ލާމެހިފައޮތް ދުނިޔެއެއްގައި އަޅުގަނޑުމެން މި އުޅެނީ، އަޅުގަނޑުމެން އަކަނިއެއް ނޫން އަޅުގަނޑުމެން ދުނިޔޭގެ މިއުޅެނީކީއެއް، އެހެން އެންމެނާއި އެކުގަ، އަޅުގަނޑުމެން އުޅެންޖެހޭނީ.. އެއްވެސް ބަޔަކަށް… ޖުމްލަ.. ރައްޔިތަކަށް… ގަބީލާއަކަށް، ނަސްލަކަށް.. އެއްޗެހި ގޮވައިގެން ނުވާނެެ.. ދެން އަޅުގަނޑު ރުޅިއައިސްގެން ހުރި މީހަކާ ދިމާލަށް، މީހަކު އެއްޗެކޭ ބުނެދާނެ، އެމަކު މި ދަންނަވާހެން، ނަސްލަކަށް ވާގޮތަށް، އެ ބާވަތުގެ ވާހަކަ އަޅުގަނޑުމެން ދައްކައިގެން ނުވާނެ…
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔެ ބަވަނަވެފައި އޮތުމުގެ ސަބަބުން ރާއްޖެ އަދި އެހެނިހެން ގައުމުތަކަށްވެސް މަޖްބޫރުވެފައި މިވަނީ އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށްކަމަށެވެ. އަދި، ވަކި ބަޔަކަށް ނިސްބަތްކޮށް، އެ ބަޔަކު ނުރުހިދާނެ ޒާތުގެ ވާހަކަތައް ދެއްކުމާއި އެއްކިބާވާންޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބުއްދިވެރިވާންޖެހޭކަމަށެވެ. އަދި، ރާއްޖެއަކީ ގަދަބާރު އޮތް ގައުމެއްގެ ގޮތުގައި ދެކި، ވާހަކަތައް ދައްކަމުން ދާކަަށް ނުޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އާމްދަނީއެއް ހޯދައިގެން، ރައްޔިތުންނަށް ފާގަތި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތްކުރުމުން ފުދޭނެކަމަށެވެ.

