ރަސްމާދޫ ކައުންސިލުން 9 ލައްކައަށްވުރެ އިތުރު އަދަދެއް އިދާރާގެ މުއައްޒަފެއްގެ ވަތްގަނޑުގައި ބަލަހައްޓަމުން އައިކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ރ. ރަސްމާދޫ ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލައެންސް ރިޕޯޓުގައިވާގޮތުން މާލިއްޔާތު ގަވައިދުގައިވާގޮތަށް އެ އިދާރާގެ ބެންކު އެކައުންޓުތަކުގެ ސްޓޭޓްމެންޓުތަކުން ދައްކާ ބާކީގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން އެ ކައުންސިލުން ކޮންމެ މަހަކު ތައްޔާރު ކުރަންޖެހޭ ރީކޮންސިލިއޭޝަން ރިޕޯޓު ތައްޔާރުކޮށްފައިނުވެއެވެ. އަދި މި އެކައުންޓުތަކުގައި އެކި ފަންޑުތަކުން ބަލައިގަންނަ ފައިސާ ބަލަހައްޓަމުން ދާއިރު ވަކި ވަކި ފަންޑުތަކުގެ ހިސާބުތައް އެނގޭގޮތަށް ވެސް ބާކީ ބަލަހައްޓަމުން ގެންގޮސްފައިނުވާކަމަށް ވެއެވެ.
އެހެންކަމުން އޮޑިޓުން ރިކޮންސިލިއޭޝަން ތައްޔާރުކުރިއިރު 31 ޑިސެމްބަރު 2023ގެ ނިޔަލަށް ހުންނަންޖެހޭ ފައިސާއާއި އެ ދުވަހުގެ ނިޔަލަށް އެކައުންޓުތަކާއި ތިޖޫރީގައި ހުރި ފައިސާގެ އަދަދު ދިމާނުވާކަމަށް ފާހަގަކުރެވުނުކަމަށް ވަނީ ބުނެފަ އެވެ. ރިޕޯޓުގައިވާ ގޮތުން އެ ދުވަހު ހިސާބުކުރިއިރު 812،346 ރުފިޔާގެ ފަރަގެއް ހުއްޓެވެ.
އެ ކައުންސިލުން ތައްޔާރުކޮށްފައިވާ ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީގައި ގިނަ ހަރަކާތްތަކުގެ ރޭޓު ހިމަނާފައި ނުވާކަން ފާހަގަކުރެވޭކަން ވެސް ހާމަކުރި އެވެ. އަދި ފައިސާ ނަގަން ހަމަޖެހުނު ރެފަރެންސް ނަންބަރާއި އިތުރު ތަފްސީލު ކޮލަމްވެސް ފުރިހަމަކޮށްފައި ނެތް އިރު ރޭޓުތައް އެއްވެސް ރަސްމީ ލިޔުމަކުން އެނގެން ނެތުމުން ފައިސާ ބަލައިގަނެފައި ވަނީ ބަލައިގަންނަން ޖެހޭ ރޭޓުތަކުގައިކަން ކަށަވަރު ނުކުރެވޭކަމަށް ބުނެފައިވެއެވެ.
ރިޕޯޓުން ދައްކާ ގޮތުން ނަގުދު ފައިސާއިން ލިބޭ އާމްދަނީ ބެންކު އެކައުންޓުތަކަށް ޖަމާނުކޮށް އިދާރާގައި ބަހައްޓާފައިހުރި ކަމުގެ މައުލޫމާތުވެސް އޮޑިޓުން ހިއްސާކޮށްފައިވެއެވެ. މިގޮތުން 1 ޖުލައި 2019 އިން ފެށިގެން 13 ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ކައުންސިލަށް އާމްދަނީގެ ގޮތުގައި 939،318.46 ރުފިޔާ ނަގުދު ފައިސާއިން ލިބިފައިވާއިރު ދިގު މުއްދަތަކަށް ޖަމާނުކޮށް ބެހެއްޓުމަށްފަހު ދެ ފަހަރެއްގެ މަތިން ޖަމާކޮށްފައިވެއެވެ.
އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައި ވަނީ މީގެ ތެރެއިން 9 ލައްކައަށްވުރެ އިތުރު އަދަދެއް ޖަމާކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދިގު މުއްދަތެއްވަންދެން ފައިސާ ޖަމާނުކޮށް ގެންގުޅެމުން އައިސްފައި ވަނީ ފައިސާ ބަލައިގަންނަ މުއައްޒަފުގެ ވަތްގަނޑުގައިކަމަށް ކައުންސިލުން މައުލޫމާތު ދިންކަމަށެވެ. އަދި މިގޮތަށް އަމަލުކޮށްފައި ވަނީ މާލިއްޔާތު ގަވައިދުގެ ދަށުން ހުއްދައެއް ހޯދުމެއް ނެތިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

