ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުން ދައްކުވައިދޭ އަލިގަދަ ރަމްޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ އެހީގައި ރާއްޖޭގައި ބިނާކުރެވުނު ފުރަތަމަ ބުރިޖު ހުޅުވުނުތާ 7 އަހަރު ފުރުން ފާހަގަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި ބުރިޖާއެކު ރާއްޖެއަށް މުޅިން އައު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން ނެރެވިދާނެ ނަތީޖާތައް އަންދާޒާކޮށްދޭ ފަޚުރުވެރި ހެއްކެއްކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބުރިޖަކީ ދެ ގައުމުގެ ދެމެދުގައި ދެމެހެއްޓިގެން ގޮސްފައިވާ އެއްބައިވަންތަކަމުގެ ގުޅުމާއި، އިތުބާރާއި، އަދި ދެ ގައުމުންވެސް ހިއްސާވާ ތަރައްޤީގެ ތަސައްވުރުގެ ރަމްޒެކެވެ.
މިއާއެކު، ދާދި ފަހުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ. ”ޗައިނާއިން ދަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން“ ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި ދައުރުގައި ޗައިނާ-ރާއްޖެ ގުޅުމުގެ ދަށުން ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށްދާކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް އަދި 50 ކައުންސިލް އިމާރާތް ބިނާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

