5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް 650،000 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ޕްރޮގުރާމް ރަސްމީކޮށް ފަށްޓަވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެންނެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށެވެ. މި ހަރަކާތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ ބައިވެރިވަމުންނެވެ.
މި ޕްރޮގްރާމްގައި ސްޓެލްކޯއިން ވެސް ބައިވެރިވެ މިހާތަނަށް 52,334 ގަސް އިންދާފައިވެއެވެ. ސްޓެލްކޯއިން ބުނީ ސަރުކާރުގެ ’ފަސް އަހަރުން ފަސް މިލިއަން ގަސް‘ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 52،334 ގަސް އިންދާފައިވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ، ރާއްޖެއަށް ދާދި ފަހުން ކުރެއްވި ދަތުރުގެ ތެރޭގައިވެސް މި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދާފައިވެއެވެ. ރާއްޖޭގެ ”5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގެ ދަށުން، ބޮޑުވަޒީރު މޯދީ އިންދެވީ އަނބު ގަހެކެވެ.
އެއަށްފަހު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރާއްޖެއަށް ކުރެއްވި ދަތުރުގައިވެސް ގަހެއް އިނދާފައިވެއެވެ.
މި ހަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެކެވެ.
ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާންކުރެއްވީ ޔޫއޭއީގައި އޮތް ”ކޮޕް28“ ގައެވެ.

