ލާމަރުކަޒީ ޤާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިޙާބް ކުރުމުގައި ޤާބިލް މީހުންނަށް ފުރުޞަތު ދީގެން ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ބުމުން ރައްޔިތުންގެ މަޖިލީޙުގެ މުޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަމަށް ރައްދު ދެއްވައިފިއެވެ.
އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާނޫނުހަދާތަނަށް ގާބިލް މީހުން އިންތިހާބް ކުރެވޭނެ ގޮތް ނުހަދާ ކައުންސިލްތަކަށް ގާބިލް މީޙުން އިންތިހާބް ކުރުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ކައުންސިލް ރައީސުންނާއި، އަތޮޅު ކައުންސިލަރުންނާއި، މޭޔަރުން ކަނޑައަޅާނީވެސް ރައްޔިތުންގެ ވޯޓަކުން ކަމަށްވާއިރު، މިކަމަށް ރައްޔިތުން ޙާއްސަ އިސްކަމެއް ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމަޤާމުތަކަށް ޤާބިލް ތަޢުލީމީ ބޭފުޅުން އައްޔަން ކުރެވިއްޖެނަމަ ކައުންސިލް ނިޒާމަށް މިގެނެވޭ ބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށާއި، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ. އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމާއި، ރަށްރަށުގެ އިޚްތިޞާސް ބޮޑުކޮށް ފުޅާކުރުމާއި، މީގެކުރިން ރަށްރަށުން ދައުލަތަށް ލިބެމުދިޔަ އާމްދަނީ ސީދާ ކައުންސިލްތަކަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެންދޭ ”ބަޖެޓް 2020“ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ މިބަދަލަށް އެންމެބޮޑަށް ސަމާލުވާންޖެހެނީ ރައްޔިތުންކަމަށެވެ. ސަރުކާރުން ކައުންސިލްތަކަށް މާލީ ބޮޑު ބާރުވެރިކަމަކާއި، މާލީގޮތުން މަންފާލިބޭ އެތައްކަމެއް ކުރުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލާއިރު މިކަންކަން ކުރެވޭނެ ޤާބިލްބަޔަކު އިންތިޙާބްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

