އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޗެއާޕާސަނުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މި ވަގުތު ޕާޓީގެ ލީޑަރޝިޕް ހުސްވެފައިވާއިރު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްރު އަބްދުލް ޣަފޫރު މޫސާ ވަނީ އައްޔަންކޮށްފައެވެ.
އިންތިހާބު ފަސްކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ސަބަބު
ޗެއާޕާސަނުގެ އިންތިހާބު ފަސްކުރުމަށް ގައުމީ މަޖިލީހުން ނިންމި މައިގަނޑު ސަބަބަކީ ޕާޓީގެ ފޯކަސް ގެއްލުވާނުލާ، އެކުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމެވެ. ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި މި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓާ އެކުގައެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޕްރީލް 4، 2026 ގައި ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ އިއޔލާން ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ފަހުން ޗެއާޕާސަނުގެ އިންތިހާބު އޮންނާނެ ތާރީހެއް އިއުލާނުކުރާނެއެވެ.
ވަގުތީ ޗެއާޕާސަނަކު އައްޔަން ކުރުން
ޗެއާޕާސަނުގެ މަގާމަށް ދާއިމީ މެންބަރަކު ހޮވުން ފަސްކުރި ނަމަވެސް، ޕާޓީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ވަގުތީ ޗެއާޕާސަނެއް ވަނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގޮ ވޯޓުން އިންތިހާބު ކޮށްފައެވެ. ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް އައްޔަން އިންތިހާބު ކޮށްފައި ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ. ގަޕޯއަކީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު މި މަގާމަށް ހޮވުނު ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނޭ، ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ. މަގާމާ ހަވާލުވެވަޑައިގެން ގަޕޯ ވަނީ ޕާޓީއަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
ޕާޓީގެ އެތެރޭގެ ވާދަވެރިކަން
ޗެއާޕާސަން އިންތިހާބު ކުރުން ކައުންސިލް އިންތިހާބަށް ފަހު ބޭއްވުމަށް އެމްޑީޕީން ނިންމިއިރު އެމްޑީޕީގެ ތެރޭގައި މިހާރު އޮތީ ވާދަވެރި ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.
ޗެއާޕާސަނުގެ އިންތިހާބު ފަސްކުރި ނަމަވެސް، މި ދެ ފެކްޝަނުގެ ވާދަވެރިކަން ޕާޓީގެ އެތެރޭގައި ދަނީ ހޫނުވަމުންނެވެ. ބެލެވޭ ގޮތުގައި ދާއިމީ ޗެއާޕާސަނުގެ އިންތިހާބުގައި މި ދެ ފެކްޝަނުން ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މިހާތަނަށް އެ އިންތިހާބުގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެކަންޏެވެ. މީކާއިލްއަކީ 2012 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެން، ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

