މީގެ ކުރިން ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރުން ވަކި ކޮށްފައި ވަނީ ވަރަށް ނާތަހުޒީބުކޮށް ކަމަށާއި އެހެން ނަމަވެސް، މިއަދު މަޖިލީހުން އުއްތަމަ ފަނޑިޔާރަކު ވަކިކޮށްފައިވަނީ އުސޫލުތަކުގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމުން، ކުރީގެ ނައިބް ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު އެކަމަށް ރައްދު ދެއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެ ބޭފުޅުންވެސް ވަކިކޮށްފައިވަނީ ވެރިކަން ކުރާ މައިޕާޓީން ތްރީލައިން ވިޕެއް ނެރެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުލޫކީ މައްސަލައެއްގައި ޖޭއެސްސީން ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފާސްކުރީ 69 މެންބަރުންގެ ވޯޓާއެކު އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ތާރީހުގައި ފަނޑިޔާރުން ވަކިކުރުމުގައި ވަރަށް އިހާނެތިކޮށް، ނާތަހުޒީބުކޮށް ކަންކަން ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ލިސްޓަށް ވުރެ، ފަނޑިޔާރުންގެ ލިސްޓު ދިގުވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެކަމުގެ މިސާލުވެސް ދެއްވާފައެވެ. ނަޝީދު ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު އަދި އެހެންވެސް ފަނޑިޔާރަކާ މެދު އެފަދަ ގޮތަކަށް އަމަލުނުކުރާނެ ކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ އުއްތަމަ ފަނޑިޔާރުގެ މައްސަލައިގައި މަޖިލީހުން ވަރަށް ތަހުޒީބު ނިންމުމެއް ނިންމާ މަންޒަރު ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރަސްރަސްކަލުންނަށްވުރެ އުއްތަމަ ފަނޑިޔާރުންގެ ލިސްޓު ދިގު އިރު ކުރީން ފަނޑިޔާރުން ވަކިކުރީ ވަރަށް ނާތަހުޒީބުކޮށް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ދެ އުއްތަމަ ފަނޑިޔާރު ވަކި ކުރިއިރު، އަމަލު ކުރީ ގޯސްކޮށް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ޔާމިން ސަރުކާރުގެ ފުރަަތަމަ ނައިބް ރައީސް، ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ގާނޫނުތަކުގެ ބޭރުން ފަނޑިޔާރަކު ”ވަގަށް“ ނަގައި މިނިވަންކަން ނިގުޅައިގަތުމަކީ ތަހުޒީބީ އަމަލެއްތޯ ސުވާލު ކުރައްވާފައި ވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްގެން ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ގެންގުޅުނު މައްސަލައަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރީ ވެސް މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށްވާއިރު، އެ ދުވަހު އެ ފަނޑިޔާރުންނަށްވުރެ ރަނގަޅު ބަޔަކު ރައީސް ނަޝީދަށް ނެތް ކަމަށެވެ.
ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރު ކުރީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ އިޖުރާއަތާ ހިލާފަށް ކަމަށް ގާނޫނީ ގިނަ ބޭފުޅުން އިއްތިފާގުވެއެވެ، އަދި އެ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވެ 13 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. 2015 ވަނަ އަހަރު އިއްވި އެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުވި ފަހުން މިދިޔަ އަހަރުގައެވެ. ހުކުމުގެ ގިނަ ދުވަސްތައް ރައީސް ނަޝީދު ހޭދަ ކުރައްވާފައިވަނީ ރާއްޖެއިން ބޭރުގައެވެ. ”މައިބަދައިގެ އޮޕްރޭޝަނަކަށް“ ފޮނުވުމުން، ރާއްޖެ ވަޑައިނުގެން އަމިއްލައަށް އަރުވާލެވިގެން ތިން އަހަރެއްހާ ދުވަސްވަން ދެން ރައީސް ނަޝީދު އުޅުއްވީ ލަންކާއިންނާއި، ޖަރުމަން ވިލާތުން އަދި އިނގިރޭސިވިލާތުންނެވެ.

