”ހިބަރު ވަދު“ ގެ ނަމުގައި އަންނަ ހުކުރު ދުވަހު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ޕްރޮގްރެސިވް ކޯލިޝަންއިން ބުނެފިއެވެ.
ޖަލްސާއާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ކުރައްވާފައިވާ ޓްވީޓުގައި ވިިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ”ގައުމު ދެކެ ލޯބިވާ ހުރިހާ ބޭފުޅުންނަށް ވެސް“ ދައުވަތު އަރުވާކަމަށެވެ.
ޖަލްސާ ބާއްވާނެ ކަމަށް އިދިކޮޅުން ބުނި ނަމަވެސް، ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވާކަމެއް އަދި ސާފެއް ނުވެއެވެ.
ޕީޕީއެމް ޕީއެންސީން، ހުކުރު ދުވަހު ޖަލްސާއެއް ބާއްވާނެކަމަށް އިއުލާނުކޮށްފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިންވެސް އެ ދެޕާޓީން ވަނީ ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާފައެވެ. ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތްތަކާއި ދިމާކޮށް އާއްމުގޮތެއްގައި ކޯލިޝަންއިން ޖަލްސާތައް ބާއްވައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށް، ޕީޕީއެމް ޕީއެންސީއިން ތަކުރާރުކޮށް ބުނަމުންދާއިރު އެ ދައުވާގެ ހުކުމް އިއްވުން ވަނީ މި މަހުގެ 28 ވަނަ ދުވަހަށް ތާވަލު ކުރެވިފައެވެ.
”ފުނޑާލައިިފި“ މިނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާ އެ ދައުވާއާއިމެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ސަޕޯޓަރުންނަށް ހުކުމެއް ކޮށްފާނެތީ ކަންބޮޑުނުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ މައްސަލައިގައި އަދުލުވެރި ހުކުމެއް ލިޔެވިފައިވާކަން މި ސަރުކާރުގެ ވެރިންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ އެ ފަރާތްތަކަށް އެ ހުކުމް ހަޖަމުކޮށްލަން ނުކުރޭ ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އެކު، މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ނައިބް ރައީސް، ޑރ. ޖަމީލު އާއި ކުރީގެ ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއް ލަތީފް ފަދަ ބޭފުޅުން ހިމެނެއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންއިން ބުނެފައިވަނީ މި ސަރުކާރުގެ އެއްވެސް ތަރައްގީގެ ދުވެއްޔެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކަންކަން ހިނގަނީ ”އެހެން ބަޔަކު“ ބޭނުންވާ ގޮތަކަށް ކަމަށެވެ.

