ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު އެލަރޓްއަށް ބަލާލާއިރު ޅ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު މެންދުރު 12:30 އާއި ހަމައަށް ވައިޓް އެލަރޓްވަނީ ނެރެފައެވެ.
މޫސުމާއި ބެހެ ގައުމީ އިދާރާއިންވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
އެ އިދާރާއިން ބުނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެޗެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކުރިއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިންވަނީ ފާހަގަކޮށްފައެވެ.

