ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅެނީ، އިދިކޮޅު ފުނޑާލަން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމް އިއްވި ގާޒީންނަށް އަވަގުރާނަ ގޮވައި، އެ ގާޒީން ޖަލަށްލާނެ ކަމަށް ވިދާޅުވެފައިވާތީ އެ މައްސަލަ ބަލަން ނިންމާފައިިވަނީ އިދިކޮޅު ”ފުނޑާލުމަށް“ ބޭނުންވާތީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެކަމާ ނުރުހުންވެ، ޓީވީއަކަށް އިންޓަވިއުއެއް ދެއްވަމުން އަބްދުއްރަހީމް ވަނީ ފަސް ގާޒީންނާ ދިމާލަށް އަވަގުރާނަ ގޮވާފަ އެވެ. އަދި އެ ގާޒީން ޖަލަށް ލާނެ ކަމަށް ވިދާޅުވެފައެވެ. އަބްދުއްރަހީމް، ގާޒީންނާއި ގުޅޭގޮތުން ދެއްކެވި އެ ވާހަކަފުޅު ފުލުހުންނަށް ހުށަަހަޅާފައިވަނީ ޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު، އިދިިކޮޅުގެ ތާއީދު ހޯދުމަށް އެއްވެސް ބަޔަކު މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އޭނާއާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަށް ސީދާ އެއްޗެއް ދަންނަވާކަށް ބޭނުމެއް ނުވާކަމަށެވެ. އެހެން ނަމަވެސް، މި ސަރުކާރު އައުމަށްފަހު އަބަދުވެސް މަސައްކަތް ކުރަމުންދަނީ އިދިކޮޅު ފުނޑާލުމަށް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންއަށް ހުކުމް އިއްވުމަށްފަހު، ދެން މިސްރާބު ޖަހާނީ އިދިކޮޅަށްކަން ވެސް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ ނަމުގައި ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު އެމަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްކަން އެމަނިކުފާނަށް ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް، އަބްދުއްރަހީމް ވަނީ ރައީސް ޔަމީންގެ މައްޗަށްކޮށްފައިވާ ހުކުމް ގަބޫލު ނުކުރާނަމަ، ޕާޓީގެ ރައީސްކަމުގެ މަގާމު ރައީސް ޔާމީނަށް ގެއްލެން ވީ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ރައީސްކަން، ރައީސް ޔާމީންނަށް ގެއްލޭތޯ ނުވަތަ ނޫންތޯ ވެސް ކަނޑައަޅާނީ ޕީޕީއެމްއިން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ، އެހެން ބަޔަކާ ”ބެހޭ ކަމެއް“ ނޫން ކަމަށެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިގެން ގޮސްފައިވަނީ، 2015 ވަނަ އަހަރުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އެ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ތަސްދީގުކުރެއްވި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.

އެ އިސްލާހުގައި ވާ ގޮތުން އެ ގާނޫނަށް ވަނީ ”ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން“ ކިޔާ ބާބެއް އިތުރުކޮށްފައެވެ.

މިއީ 18 ވަނަ މަޖިލީހުގައި އަބްދުއްރަހީމްވެސް ވޯޓު ދެއްވައިގެން ގެނައި އިސްލާހެކެވެ. އެހެން ނަމަވެސް، އަބްދުއްރަހީމް ވަނީ އޭނާ އެ އިސްލާހަށް ވޯޓު ދިނަކަސް ރައީސް ޔާމީންގެ މައްޗަށް އެ އިސްލާހު ހިނގާކަށް ނުޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމަކަށްވާއިރު، ރައީސް ޔާމީނަށް ޕާޓީގެ ރައީސްކަން ގެއްލެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ތުހުމަތު ކުރެއްވިގޮތުން ރައީސް ޔާމީނަށް ޖަލަށްލާ، އިދިކޮޅުގެ މިސްރާބު ގެއްލުވާލުމަށް މަސައްކަތް ކެރުމުގެ ފަހަތުގައި ވަނީ ގާސިމްއެވެ. އަދި އިދިކޮޅުގެ ހަރަކާތްތައް، ހުއްޓުވުމުގެ ގޮތުން ޕާޓީގެ މެމްބަރުންގެ ތާއީދު ޖޭޕީއަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން އެދެނީ ހުރިހާ ރައްޔިތުންގެ ސާބިތުކަން މަތީ ތިބުމަށްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އޭނާ އެދެނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް މުޒާހަރާއަށް ނިކުތުމަށްކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއް ވަނިކޮށް، ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ ހުސް ދައުލަތެއްގެ ތެރެއިން ކަމަށާއި މިވަގުތު ރާއްޖޭގެ ސުޕްރީމް ކޯޓުގައި އުއްތަަމަ ފަނޑިޔާރެއް އަދި ޕްރޮސެކިއުޓާ ޖެނެރަލްއެއްވެސް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ”ސިޔާސީ ވަސް ދުވާ“ ހުކުމެއް ކަމަށާއި، އެ ހުކުމް ބަލައިގަންނާނެ އެއްވެސް ގޮތެއް ނެތްކަން އަބްދުއްރަހީމް ތަކުރާރުކުރެއްވިއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށާއި، ރައީސް ޔާމީނާއި އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވި 96،000 ރައްޔިތުން ވެސް ތިބީ ޖަލުގައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުކުރު ދުވަހު ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެއަށްފަހު ދެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ދެން ކުރިއަށް ގެންދާނެ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭނެ ކަމަށެވެ.

ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތަކަކީ އެ ކޯޓަކަށް އަމިއްލަ އިސް ނެގުމަކަށް ވެސް ބެލޭ ފަދަ މައްސަލަތަކެކެވެ. އޭގެއިތުރަށް ފުލުހަށް ހުށަހަޅައި ތަހުގީގު ހިންގައި ދައުވާ ވެސް ކުރެވޭ ފަދަ މައްސަލަތަކެކެވެ. ޑީޖޭއޭއިން މިފަހަރު އިހްތިޔާރުކުރީ ފުލުހަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައީ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެ ދައުވާ ސާބިތުވުމަށް ބޭނުންވާ ދެ އުންސުރު ވެސް ފުރިހަމަވާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ކަނޑައެޅި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: