ދިވެހި ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުން، ދައުލަތުން ދޭ އިނާޔަތްތައް އިޔާދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލައްބިޔައްތުން ފާސްކޮށްފިއެވެ.
ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން ދައުލަތުން ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ވަކި މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލުމަށް ފާސްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެއެވެ.
އޭރުގެ ރައީސް، ޔާމީން ތަސްދީގު ކުރެއްވި އިސްލާހުގައި ބުނެފައިވާގޮތުން ”ރައީސްކަން ކުރެއްވި ފަރާތަކަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެނަމަ، އެ ވަގުތުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ/ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމެއް އަދި އިނާޔަތެއް ވެސް ނުލިބޭނެ“ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިދިޔަ ސަރުކާރުން އުފުލި ޓެރަރިޒަމް ދައުވާ އާއި ދިމާކޮށް ފާސްކުރި އެ އިސްލާޙުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގައި ބައިވެރިވުމާއި އެކަމަށް ގޮވާލުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދީފިނަމަ، އެގާނޫނުގެ ދަށުން ލިބިދެވޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަން ކެނޑިގެންދާނެ އެވެ.
ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އެވެ.
ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން ދައުލަތުން ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ވަކި މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލުމަށް އޮތް އޮތުންމަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ.
ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. އިސްލާހު ހުށަހެޅުމުން މަޖިލީހުގެ، ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރިން އެ އިސްލާހު ގެނައީ، ރައީސްކަން ކުރެއްވި ވަކި ބޭފުފުޅަކަށް އަމާޒުކޮށްގެން ކަމަށެވެ.
އެހެން ކަމުން، އެ އިސްލާހަށް ބަދަލު ގެނައުމުގެ ކުރިންވެސް އޮތް ގޮތަށް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅާފައިވާކަމަށެވެ. ރައީސް ނަޝީދު ވަނީ އޭރު ގެނައި އެ އިސްލާހަކީ އެއީ ގާނޫނު އަސާސީ ލިޔެފައިވާ ރޫހެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ރައީސަކަށް ދިމާވެލައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިން އެ ގަނާނޫގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
އެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމެޓީން ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ގެނައި އިސްލާހުގައިވާ ގޮތުން ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އިނާޔަތްތަކާއި ރައްކާތެރިކަން އަލުން ލިބެން ފަށާނެ އެވެ. އިސްލާހު ހޯމަ ދުވަހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު އިސްލާހުކޮށްފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނި ކޮށެވެ. އިސްތިއުނާފު ކޯޓުތަކުން އެހެން ގޮތަކަށް ބަދަލުނުކުރާ ހިނދު، ރައީސް ޔާމީނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ދެން ލިބޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.

