ކައިވެނީގެ ނަމުގައި ޖިންސީ ގޯނާ ކުރަމުންދިޔަ 13 އަހަރުގެ ކުއްޖާއާއި، އެ ކުއްޖާ ވިހެއި ކުއްޖާގެ އިތުރުން އެއާއިލާގެ ހަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ އިސްމާއިލް ހައްމާދު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދު އާއި ދިމާވާއިރު ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ.
ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއްގެ ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްފައިވާ މައްސަލައެއް ބަލަމުން ދަނިކޮށް 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ހުށަހެޅީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އާއިލާގެ ހަ ކުދިން ތިބޭއިރު، 13 އަހަރުގެ އެ ކުއްޖާ ބަނޑުބޮޑުވީ ކުއްޖާގެ އާއިލާއާ އެކު އުޅެމުން ދަނިކޮށެވެ. އަދި އެ އާއިލާގައި ހަ ކުދިން ތިބެ އެވެ.
އިންސާނީ ހައްގުތަކުން މަހުރޫމްކޮށްފައިވާ އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ، ރައްކާތެރިކަން ފޯރުކޮށްދީފައިވާކަމަށް ސަރުކާރުން ވަނީ ”ސަންގު“ އަށް ކަޝްވަރު ކޮށްދީފައެވެ.

ކުޑައަންހެން ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްގެން ގެންގުޅެ، އޭގެ ތެރެއިން އެއް ކުއްޖަކު ފިރިހެނަކާ ހަވާލުކޮށް ބަނޑުބޮޑުވި މައްސަލަ ފެންމަތިވީ ރ. މަޑުއްވަރީގައި އުޅޭ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި މަރާމާރީއެއްގެ ތެރެއިންނެވެ. ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެއްގައި ދޯނީގައި ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، ހައްމާދު މަރާލުމަށް ހަމަލާދިން އޭނާގެ އެކުވެރިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހުންނެވެ.

