ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލީޙް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެން ޝަމީމްގެ ކޮްރޮޕްޝަންގެ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
”ސަންގު“ އަށް މައުލޫޟާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަމީމްއާ ގުޅޭ ގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ޝަމީމް ޑެޕިއުޓީ ޕީޖީގެ މަގާމްގައި ހުންނަވައިގެން ޕީޖީއަށް ހުށަހެޅުނު މައްސަލައެއްގައި މަގާމްގެ ނުފޫޒް ބޭނުން ކޮށްގެން ދައުވާ ނުކުރަން ނިންމި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
ޝަމީމްއަށް ތުހުމަތު ކުރެވޭ ކޮރޮޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު އޭނާ ޕީޖީގެ މަގާމަސް އައްޔަން ކުރުމަށްޓަކައި އޭނާއާއި އިންޓަވިއު ކުރުން މިރޭގެ 9:00 އަށް ޖުޑިޝަރީން ކޮމެޓީން ވަނީ ތާވަލް ކޮށްފައެވެ.
ޝަމީމްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޝަމީމްއާ ގުޅޭގޮތުން ޝަކުވާއެއްވާނަމަ މިރޭ 8:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް، ކޮމިޓީގެ އީ-މެއިލް އެޑްރެސް committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދޭ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަކި ކުރުމުގެ އިޖުރާއަތް ފެށުމާއެކު އޭނާ ވަނީ މިދިޔަ ބުރާސްފަތި އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އާ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް ނަގާ ޕްރޮސިކިއުޓާ ޖެނަރަލް ވެގެންދާނީ ރާއްޖޭގެ ހަތަރު ވަނަ ޕްރޮސިކިއުޓާ ޖެނަރަލަށެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ ގާނޫނީ ވަކީލް އަހުމަދު މުއިއްޒެވެ. އޭގެ ފަހުން ގާޒީކަން ކުރެއްވި މުހުތާޒު މުހުސިން މަގާމު ފުރުއްވި އެވެ. ދެން މަގާމަށް ވަޑައިގެންނެވީ ބިޝާމެވެ.

